ދުއްވާފައި ދިޔަ ރޭލެއްގެ ތެރެއިން އަހެއް ފެނުމުން އެރޭލުގައި ތިބި މީހުން ހައިރާން ވެއްޖެއެވެ.

އެ ރޭލަކީ ދަތުރުވެރިން ގޮވައިގެން ކެލެފޯނިއާގެ އޯކްލޭންޑް އިން ސެން ފްރެސްސިސްކޯ އަށް ދަތުރުކުރަމުން އައި ރޭލެކެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ މާކިއުރީ އިން ބުނެފައިވަނީ އެ އަހަށް ރޭލަށް އަރަން ހުއްދަ ލިބިފައިވަނީ އެ އަސް ކުޑަ ކަމުން ކަމަށެވެ.

ގިނަ ފަރާތްތަކެއްގެ ނަޒަރު އެ އަހަށް ހުއްޓިފައިވަނީ އޭގެ ރީތި ކަމާއި ޝަހީ ކަމުގެ ސަބަބުންނެވެ. އެ އަހަކީ "ސްވީޓްސް" ނަމަކަށް ކިޔާ ހުދު ކުލައާއި ބްރައުން ކުލައިގެ ކުޑަ ކުޑަ އަހެކެވެ. އެ އަހާއި އެއްކޮށް އޭގެ ވެރިފަރާތުންވެސް ރޭލުގައި ހުއްޓެވެ.

އޭނާ ބުނީ، އެ އަސް ރޭލަށް އެރުވުމުގެ ހުއްދަ ލިބިފައިވަނީ އެ އަހަކީ ބަލިމީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަސްކޮށްދީފައިވާ އަހެއް ކަމަށް ވުމުން ކަމަށެވެ.

މި އަސް ފެނުމުން ގިނަ ބަޔަކު ވަނީ ފޮޓޯ ނަގައި މީސް މީޑިއާގައި އެ ފޮޓޯ ޕޯސްޓް ކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމީހުންގެ މުޅި ދުވަސް އެ އަސް ފެނުމުން ރަނގަޅުވެފައިވާ ކަމަށެވެ. ބައެއް ފަރާތްތަކުން ޓްވިޓް ކޮށްފައިވާ ފޮޓޯ ތަކަށް ވަނީ ހާހުން މީހުން ބަލައި ރީޓްވިޓް ކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެއަސް އަދި އެއްފަހަރު ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.