ދުނިޔޭގައި އެންމެ ބޮޑު އެއް މޮބައިލް ކުންފުނި ކަމުގައިވާ އެޕަލް އިން އެންމެ ފަހުން އައިޓިއުންސް އާ ދުރަށް ގޮސްފިއެވެ.
ޒަމާނުއްސުރެ އެޕަލް ކަސްޓަމަރުންނަށް އެމީހުންގެ ފޯނަށާއި ކޮމްޕިއުޓަރުތަކަށް ލަވައާއި މިއުޒިކް އެޅެނީ އައިޓިއުންސްގެ ޒަރިއްޔާއިންނެވެ. ނަމަވެސް މިހާރު އެޕަލް ވަނީ އެމީހުންގެ އައިޓިއުންސް ގައި ހިމަނާފައިވާ ހުރިހާ ޙިދުމަތްތަކެއް ބޭނުންކުރެވޭނެ ގޮތަށް އޭގެ ބަދަލުގައި މިއުޒިކް، ޓީވީ، އަދި ޕޮޑްކާސްޓު އެޕްލިކޭޝަން ތަކެއް ނެރެފައެވެ.
އެޕަލް އިން މި ބަދަލު ގެންނަން އުޅޭކަން މިއަހަރުގެ ކުރީކޮޅުގައި ވަނީ އިއުލާންކޮށްފައެވެ. އަދި މިހާރު ނެރެފައިވާ އެމީހުންގެ ޑެސްކްޓޮޕް ކޮމްޕިއުޓާ އޮޕަރޭޓިންގް ސިސްޓަމް، 'މެކްއޯއެސް ކަޓަލީނާ' އާއި އެކު އައިޓިއުންސްގެ ބޭނުންކުރުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި މިހައިތަނަށް އައިޓިއުންސްގެ ބޭނުން ނުޖެހޭނީ އެޕަލް ޑެސްކްޓޮޕް ނޫނީ ލެޕްޓޮޕްތައް ބޭނުންކުރާ ފަރާތްތަކަށެވެ. އެޕަލް އައިފޯނަށްވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި މި ބަދަލު އައުން ކައިރިއެވެ.
މި ބަދަލާއެކު އެޕަލްގެ ގިނަ ކަސްޓަމަރުން ތިބީ އެމީހުން މިހާ ދުވަހަށް އައިޓިއުންސް ގައި ރައްކާކޮށްފައި ހުރި އެމީހުންނަށް އެންމެ ކަމުދާ ލަވައާއި ވީޑިއޯތަކަށް ވާނީ ކިހިނެތްތޯ ސުވާލުއުފެދިފައެވެ. އެޕަލް އިން ބުނީ ކަސްޓަމަރުން ހާސް ނުވުމަށާއި އެމީހުންގެ އައިޓިއުންސް ލައިބްރަރީގައި ހުރި ފައިލްތައް އަލަށް ނެރެފައިވާ އެޕްލިކޭޝަންތަކަށް އޮޓޯ އިން ފޮނުވޭނެ ކަމަށެވެ.
އައިޓިއުންސް ގެ ކޮންމެ ޙިދުމަތަކަށް އެޕަލްއިން އާ އެޕްލިކޭޝަނެއް ނެރެފައިވާ އިރު ކަސްޓަމަރުންނަށް އެ އެޕްލިކޭޝަންތައް މެދުވެރިކޮށް އެޕަލް އައިޓިއުންސް ސްޓޯރުގައި ހުރި ހުރިހާ ލަވަ އެއް، ވީޑިއޯ އެއް ބެލުމުގެ ފުރުސަތު އަދިވެސް ލިބޭނެއެވެ.
އެޕަލްގެ މެކްއޯއެސް ކަޓަލީނާ އޮޕަރޭޓިންގް ސިސްޓަމަށް އެޕަލްގެ ކަސްޓަމަރުންނަށް މިހާރު ހިލޭ އަޕްޑޭޓް ކުރެވޭނެއެވެ. އެޕަލްގެ އައިޓިއުންސް އަދިވެސް ބޭނުންވާ ފަރާތްތަކުން އަޕްޑޭޓް ނުކޮށް ކުރިއަށް ގެންދިޔުމަށް އަދި ހުރަހެއް ނެތެވެ. ނަމަވެސް އާ އޮޕަރޭޓިންގް ސިސްޓަމް އާއި އެކު އެޕަލް އިން ވަނީ އޭގައި ގިނަ ފީޗާތަކެއްވެސް ހިމަނާފައެވެ.
މޯބައިލް ކުންފުނި؟