(ފުވައްމުލައް ސިޓީ) ފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ބަލި މަޑު ކަމަކީ ކޮވިޑް-19ގެ ބަލި މަޑު ކަމެވެ. މި ބަލީގެ ސަބަބުން ރާއްޖެއަށް ވެސް ވަނީ އެކި ގޮތްގޮތަށް އަސަރުކޮށްފައެވެ. އެގޮތުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި ދޮރު ކަމުގައިވާ ފަތުރުވެރިކަން މީގެ ކުރިން ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ. ރިސޯޓުތައް ބަންދު ކުރުމުން ރިސޯޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ އާމްދަނީ ލިބޭނެ މަގު ހުއްޓިފައެވެ. ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ނޯޕޭ ނުވަތަ ވަޒީފާއިން ވަކިކޮށް ފޮނުވާލެވިފައެވެ.

މިގޮތަށް ވަޒީފާއިން މުއްދަތެއް ނެތް ގޮތަށް ނޯޕޭއަށް ފޮނުވި އިރު، ގިނަ މުވައްޒަފުން އަނބުރާ ރިސޯޓުތަކަށް ނުގެންދެއެވެ.

މިއީ އެގޮތަށް ރިސޯޓުން އެންމެ ފުރަތަމަ ނޯޕޭއަށް ފޮނުވާލާފައި ފަހުން ވަޒީފާއިން ވަކިކޮށްފައިވާ، ރިސޯޓެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އައި ޒުވާނެއް ކަމުގައިވާ ހުސެއިން އަހުސަންގެ ވާހަކައެވެ. އަހުސަން މިވަގުތު އާމްދަނީ ހޯދުމުގެ ގޮތުން ވަނީ ފުވައްމުލަކުގައި އޭނާއާއި އާއިލާ ބޭބެގެ 50 އިންސައްތަ ހިއްސާ އޮވެގެން، އިތުރުން އެހެން ރަހުމަތްރެރިއަކާއި ގުޅިގެން "ޒެޕަލިން" ނަމަކަށް ކިޔާ ރެސްޓޯރެންޓެއް ހުޅުވައިފައެވެ.

ރެސްޓޯރެންޓް ހިންގުމުގެ ވިސްނުން އައި ގޮތް!

"ރެސްޓޯރެންޓް ހިންގުމުގެ ވިސްނުން އައީ ކޮވިޑް-19ގެ ތެރޭގައި ރަށަށް އައިސް ވަޒީފާ ގެއްލިގެން، އެހާ ހިސާބުން ވިސްނީ މިކަންކުރަން. މިއީ އަބަދުވެސް ކުރަން ބޭނުންވެފައި އޮންނަ ކަމެއް" އަހުސަން ރެސްޓޯރެންޓެއް ހިންގުމުގެ ވިސްނުން އައިގޮތް ކިޔައިދިނެވެ.

އަހުސަން މި މަސައްކަތް ފަށާފައިވަނީ އޭނާގެ އާއިލީ ބޭބެ، އަހުމަދު ނިލާމް އާއި ރަހުމަތްތެރިޔާ، އަލީ އައްމާރާއި ގުޅިގެންނެވެ. ތިން މީހުން ފެށި މި މަސައްކަތް މިހާރު އުއްމީދު ކުރިވަރާ ގާތް ކުރާ ކަމަށް އަހުސަން ބުންޏެވެ.

ޒެޕަލިން ރެސްޓޯރެންޓްގެ 50 އިންސައްތަ ހިއްސާ އޮންނަ ނިލާމް-- ވަގުތު އިމޭޖެސް މުހައްމަދު އަފްޒަލް

ރެސްޓޯރެންޓް ހުޅުވުމުގެ ކުރިން އަހުސަން އާއި އޭނާގެ ދެ ރަހުމަތްތެރިންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެގޮތުން ނިލާމް އަކީވެސް ގިނަ ދުވަސްތަކެއްގައި ރިސޯޓުގައި މަސައްކަތް ކުރި މީހެއް ނަމަވެސް، އޭނާ ވެސް ވަނީ ވަޒީފާއިން ކަނޑާލާފައެވެ.

އަހުސަނަކީ މީގެ ކުރިން އެމެރަލްޑް ރިސޯޓުގެ އައިވީޑީ ރެސްޓޯރެންޓްގެ މެނޭޖަރުގެ މަގާމު އަދާ ކުރަމުން އައި މީހެކެވެ. އެހެން ކަމުން އޭނާގެ ގައިގައި ރެސްޓޯރެންޓް ހިންގުމުގެ ގާބިލު ކަމާއި ހިތްވަރު ހުއްޓެވެ. އޭނާ އެތަނުން ވަކިކޮށްފައި ފޮނުވާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

"ރިސޯޓުން ފުރަތަމަ ފޮނުވީ ކޮވިޑް-19 އަށް ބަންދު ކޮށްފައި ރަށަށް. ތިން މަހު ވަކިވަރެއް ދީފައި ނުކަނޑާ ރަށަށް ފޮނުވީ. އޭގެ ފަހުން ތިން މަސް ކޮށްފައި ކޮންމެވެސް ރިޑެންޑެންސީ ޕޮލިސީގެ ދަށުން ކަނޑާލީ" އަހުސަން ބުންޏެވެ.

ފުރަތަމަ ތަން ހުރި ގޮތް!

އަހުސަން ބުނީ، އެމީހުން އެތަން ހިންގަން ވެރިފަރާތް ކައިރިން ހޯދިއިރު، އެތަނަކީ އަނބު ގަސްތަކުން ފުރިފައިވާ ވަރަށްވެސް ގޮތަކަށް ހުރިތަނެއް ކަމަށެވެ. އަހުސަންމެން އެތަން ނެގުމުގެ ކުރިން އެތަނަށް ދީފައިވަނީ "މެންގޯ" ރެސްޓޯރެންޓްގެ ނަމެވެ.

"މިތަން ފުރަތަމަ އައިއިރު ހުރީ ވަރަށް ކުރީ ޒަމާނުގެ ގޮތަކަށް. އެހެންވެ އަޅުގަނޑު ބޭނުންވީ މިތަން ޔަންގް ޖެނެރޭޝަނަށް ކަމުދާ ގޮތަކަށް ބަދަލު ކުރަން. މިތަން މީހުންނަށް ވެސް ފެންނަ ގޮތަށް، މާކެޓް އޮންނަ ގޮތަށް ބަލާފައި މިތަން ބަދަލު ކުރީ" އަހުސަން ބުންޏެވެ.

މީގެ ކުރިން އެތަނުގެ އައުޓްޑޯ އޭރިއާ ހުރީ މީހުން ކާން އަންނަ ހިތް ނުވާނެ ގޮތަށް މުޅި ސަރަހައްދު ގަސްތަކުން ފުރިފައި ކަމަށް އަހުސަން ބުންޏެވެ. އަހުސަން ބުނީ އަންމު ގޮތެއްގައި މީހުން ކާން އަންނަ ހިތްވާނީ އެހާ ބެދިފައި ނުހުންނަ ކަހަލަ މާހައުލަކަށް ކަމަށެވެ.

ރެސްޓޯރެންޓް ހިންގުމަށް ބޮޑު ސާވޭއެއް!

އަހުސަން ބުނީ، ކުރިން އެތަން ހުރި ގޮތަށް ބަލައި، މީހުން ނާންނާނެ ކަން އެނގޭތީ ތިން މީހުން ވެގެން ބޮޑު ސާވޭ އެއް ކުރި ކަމަށެވެ. އެ ސާވޭގައި މީހުން އަންނާނީ ކޮން ގޮތަކަށް ތަން ހުރީމަތޯ އާއި އެންމެން ހިތް ޖެހޭނީ ކޮންކަހަލަ ގޮތަކަށް ހުރީމަތޯ ބެލި ކަމަށް އޭނާ ބުންޏެވެ.

އެގޮތުން އެތަން ފަރުމާ ކުރަންވީ ގޮތާއި ހަޓުތައް ކޮންގޮތަކަށް ހުރީމަތޯ މީހުން އަންނާނީ ބެލުމަށް ގިނަ ބައެއްގެ ހިޔާލު ހޯދި ކަމަށް އަހުސަން ބުންޏެވެ. ޒުވާން ޖީލަށް އަމާޒު ކޮށްގެން ހުޅުވި ތަނެއް ކަމުން ގިނަ މީހުންނަކީ "ޕްރައިވަސީ" އަށް ލޯބި ކުރާ ބައެއްކަން އެނގުނު ކަމަށް އޭނާ ބުންޏެވެ. އެ ވިސްނުމުގައި ޝީޝާ ބޯތަނެއްވެސް އަހުސަން ވަނީ އެތަނުގައި ހަދައިފައެވެ.

ޒެޕެލިން ރެސްޓޯރެންޓްގެ ވެރިޔާ އަހުސަން-- ވަގުތު އިމޭޖެސް- މުހައްމަދު އަފްޒަލް

މި ރެސްޓޯރެންޓަކީ އެރަށުން ހަމަ އެކަނި ޝީޝާ ލިބޭ ރެސްޓޯރެންޓެވެ. އަހުސަން އާއި އޭނާގެ ދެ ރަހުމަތްތެރިން މި ރެސްޓޯރެންޓް ހުޅުވާފައިވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އަހުސަން ބުނީ، އެތަނުގެ މަސައްކަތް ފެށީ ސުމަކުން ކަމަށާއި މި މަސައްކަތް ކުރުމަށް ފައިސާ ހޯދީ އާއިލީ މީހުންގެ އަތުން ކަމަށެވެ. އަދި ތަނުގައި ހުރި ގޮނޑިއާއި މޭޒު ފަދަ ތަކެއްޗަކީ އެސްޓާސް އިން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ނަގާފައިވާ ތަކެތި ކަމަށެވެ.

ކުރިމަތިވި ގޮންޖެހުންތައް!

އަމިއްލަ ވިޔަފާރިއެއް ފަށާއިރު، އެންމެންނަށްވެސް އެކި ކަހަލަ ގޮންޖެހުންތައް ދިމާވާނެއެވެ. އެގޮތުން އަހުސަން އާއި އޭނާގެ ރަހުމަތްތެރިންނަވެސް ވަނީ ރެސްޓޯރެންޓް ހުޅުވުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ރަށުން ބައެއް ކަހަލަ ތަކެތި ނުލިބުން، ކުއްޔަށް ތަކެތި ނުލިބުން، މީހުންގެ ފާޑުކިޔުން ފަދަ ކަންކަން ކުރިމަތިވި ކަމަށް އަހުސަން ބުންޏެވެ.

އަހުސަން ބުނީ، އެތަން ހެދި އިރު، ގިނަ ތަކެތި އެ ރަށުން ނުލިބޭތީ ކައިރީގައި އޮންނަ އައްޑޫންނާއި މާލެ އިން ތަކެތި ގެންނަން ޖެހުނު ކަމަށާއި ކުއްޔަށްވެސް ބައެއް ތަކެތި ނަގާފައިވަނީ އައްޑޫއިން ކަމަށެވެ. އަދި ގިނަ މީހުން ތިން ނުވަތަ ހަ މަސް ކޮށްފައި އެތަން ނުހިނގައިގެން ބަންދު ކޮށްލަން ޖެހޭނެ ކަން ފާހަގަ ކުރި ކަމަށް އަހުސަން ބުންޏެވެ.

ޒެޕެލިން ރެސްޓޯރެންޓްގެ ވެރިޔާ އަހުސަން-- ވަގުތު އިމޭޖެސް- މުހައްމަދު އަފްޒަލް

"އެންމެން އައިސް ބުނި ނުކުރާށޭ ތިހާ ބޮޑު ހަރަދެއް. އަދި ހާއްސަކޮށް ކޮވިޑް-19ގެ ތެރޭގައި އެންމެންވެސް ބުނީ ނުވާނެއޭ. ރައްޓެހިންވެސް މިރަށު މީހުންވެސް އުމުރުން ދުވަސްވީ މީހުންވެސް ބުނީ އެގޮތަށް" އަހުސަން ބުންޏެވެ.

ގިނަ ބަޔަކު އެގޮތަށް ބުނެފައިވަނީ މީގެ ކުރިންވެސް އެތަން ހިންގުމަށް ނިކުތް ފަރާތްތަކަށް އެތަން ނުހިންގުނީމައެވެ. އެއީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެތަން ހުރީ މީހުން އެހާ ހިތްހަމަޖެހޭ ހިސާބެއްގައެއް ނޫނެވެ.

އަހުސަން ބުނީ، އެތަން ހުޅުވުނީ އޭނާ އަސްލު ބޭނުންވި ގޮތަށް ނޫން ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަހުސަންގެ އަސްލު ވިސްނުން ހުރި ގޮތުން ނަމަ އެތަނުގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ބިލިއާޑް ބޯޑެއްވެސް ބެހެއްޓޭނެއެވެ. އަދި މިހާރު ހުރި ޝީޝާ ލައުންޖަށްވުރެ ބޮޑުތަނެއް ހުންނާނެއެވެ.

ރެސްޓޯރެންޓްގެ ތަފާތުކަން!

"ޒެޕަލިން" މިނަން ދެވުނީ ގިނަ ބަޔަކު ލޯބި ކުރާ ލެޑް ޒެޕަލިން ބޭންޑަށް ބަލައިގެންނެވެ. އެ ބޭންޑަކީ ޒުވާނުންގެ މެދުގައި މަޝްހޫރު، ގިނަ ބަޔަކު ލޯބި ކުރާ ބޭންޑެކެވެ.

ރެސްޓޯރެންޓް ހުޅުވައިގެން މާ ގިނަ ދުވަހެއް ނުވިނަ މަވެސް، މިވަގުތު ހީކުރިވަރަށްވުރެ މާ ރަނގަޅަށް ރެސްޓޯރެންޓް ހިނގާކަން ފާހަގަ ކުރަމުން އަހުސަން ބުނީ، އެތަނުން ދިވެހިންނަށް އެހެން ތަންތަނުން ނުލިބޭ ކަހަލަ ތަކެތި ލިބޭނެ ކަމަށެވެ.

ފުވައްމުލަކު ޒެޕެލިން ރެސްޓޯރެންޓް: ޒުވާނުން ބޭނުންވާ ގޮތަށް ހަދާފައިވާ ތަނެއް-- ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

އެތަނުން ލިބޭ ބައެއް ކަހަލަ ތަކެތީގެ ތެރޭގައި އެކި ކަހަލަ ސެލަޑް، ތަފާތު މެއިންޑިޝް، ސީފުޑް، އަދި ރަށުގައި މަޝްހޫރުވެފައިވާ ޗިކެން ކެބާބް އާއި ކޯޑަން ބްލޫވެސް އަދި ބީފް ސްޓޭކް ވެސް ލިބޭނެ ކަމަށް އަހުސަން ބުންޏެވެ. އެތަކެތި އަހުސަންމެން ރައްޔިތުންނަށް ދެނީ ރަނގަޅު އަގެއްގައެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި ކަހަލަ ތަކެތި ދިނުމަށް ރާވާފައިވާ ކަމަށްވެސް އަހުސަން ބުންޏެވެ.

އަހުސަންގެ ޓާގެޓަކީ އެތަނަށް ފުރަތަމަ އަންނަ ކަސްޓަމަރުން ދެވަނަ ފަހަރަށްވެސް ގެނެވޭނެ ވަރުގެ ހިދުމަތެއް ދިނުމެވެ. އެވިސްނުމުގައި އެކި ކަހަލަ ތަކެތި ލިބޭ ގޮތަށް ހަދައި، އަހުސަންގެ މުވައްޒަފުންގެ ގޮތުގައި ނަގާފައިވަނީ ހުސް ދިވެހިންނެވެ. އެއީ އަހުސަން ގަބޫލު ކުރާ ގޮތުގައި ދިވެހިން ދޭ ސާވިސް އެއް ބޭރު ބަޔަކަށް ނުދެވޭނެތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަށިމީހާ

  ހިއްވަރު ގަދަ 3 ކުދިންނަށް ސާބަސް. ބާއްޖަވެރިކަމާ ކުރި އެރުން އެދެން.

  46
  4
 2. ....

  ޥަޒީފާއިން ވަކު ކުރުމާ ތިކަމަކާ ގުޅުމެއްނެތް....ފައިސާ ހުރިއްޔާ ހިތްވަރާއެކު މަސައްކަތް ކުރަންވީ...ކާމިޔާބު ވޭނެ އިންޝާﷲ

  27
  4
 3. އަލީ

  ތަނުގެ ފޮޓޯ ކޮޅެއް އަޅާލިނަމަ ވަރަށް ބަލާލާ ހިއްވެފަ

 4. ވަހީދުބެ

  ތިޔަ ހިތްވަރާއި ވަރުގަދަ ޢަޒުމަށް ހަމަ ސާބަސް. ގިނަބަޔަކު ޒިޔާރަތްކުރުމަށް ލޯބިކުރާ ތަނެއްކަމުގައި ހެދުމަށް ތިކުރާ އުއްމީދު ﷲގެ ރަޙްމަތާއެކު ޙާޞިލުވުމަށް އެދިދުޢާކުރަން.

  10
  1