އިންތިޚާބުތަކުގައި ފުރަތަމަ ލިބުނު ނާކާމިޔާބީތަކުގައި ހިތްވަރުގަދަކޮށް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެލާ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ޝަރީފް ސިޔާސީ މަސައްކަތަށް ނުކުންނެވީ އޭނާގެ އުފަން އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއި މައްސަލަތައް ނިމުމަކަށް ގެނެސް ތަނަވަސް ދިރިއުޅުމެއް މި ސަރަހައްދުގައި ޤާއިމް ކުރުމުގެ ހުވަފެނުގައެވެ.
"ހއ.އަތޮޅުގައި ޚާއްސަކޮށްގެން ހިންގި އިންޓެގްރޭޓެޑް ރޯޑް ޑިވެލޮޕްމަންޓް ޕްރޮގްރާމް، 1986 އިން 1988 އަށް އަޅުގަނޑު މަސައްކަތް ކުރިން އަތޮޅުގެ ހުރިހާ ރަށެއްގައި. އޭރު ސިޔާސީ ވިސްނުން އުފެދިއްޖެ. ރަށްރަށުގަ ދިމާވެފައި ހުރި ހާލަތާއި ރަށްރަށުގެ ކަންކަން ހުރި ގޮތް ފެނި ރައްޔިތުންނާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އާލާވެއްޖެ." ފިޝަރީޒް މިނިސްޓްރީގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝަރީފް ވިދާޅުވިއެވެ.
"ވަގުތު ހޭރިޔާ" އިން ކެލާއަށް ކުރި ދަތުރުގައި މެންބަރު ޝަރީފްއާ ބައްދަލުވެ ކެލާ ދާއިރާއަށް އޭނާ ކުރައްވާ އުއްމީދުތައް ޚިއްސާކޮށްދެއްވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި އޭނާ މީގެ ކުރިން މަޖިލީހުގެ އިންތިޚާބުގައި ދެ ފަހަރެއްގެ މަތިން ވާދަކުރެއްވުމަށް ފަހު ނާކާމިޔާބުވެވަޑައިގެންނެވި އެއްވެސް ފަހަރެއްގައި ކެލާ ދާއިރާއަށް ނޫނީ މި ސަރަހައްދަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައި ނެތް ކަމަށެވެ. އެކަމަކު މިއަދު މި ސަރަހައްދަށް އުއްމީދުތަކެއް އައިސްފައި އޮތީ އޭނާ ހިމެނޭހެން އެމްޑީޕީގެ މެންބަރުންތަކެއް މަޖިލީހަށް ވަޑައިގަތުމުންނެވެ.
"ކެލާގައި ރިސޯޓެއް ޤާއިމް ކުރުމަކީ ރައީސް މައުމޫން ސަރުކާރުގައި އުފެއްދި ޓޫރިޒަމް މާސްޓާ ޕްލޭންގެ ދަށުން ކަނޑައެޅި ކަމެއް. ބަޔަކަށް ހަވާލު ވެސް ކުރި. އެކަމަކު ވެސް ކުރިއަކަށް ނުދިޔަ. އެއަށް ފަހު އެމްޑީޕީގެ ސަރުކާރުގައި ވެސް އެ މަސައްކަތް ނުކުރެވި ދިޔައީ. ޕީޕީއެމްގެ ސަރުކާރުގަ ވެސް ކުރިއަކަށް ނުދޭ. އެހެންވިޔަސް މި ފަހަރު އެ ކަން ކުރެވިދާނެ ކަމުގެ އުއްމީދު އެބަ އޮތް،" ކުރަމުންދާ އުއްމީދު ނަގާލަން ބޭނުން ނުވާ ކަން ހާމަ ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
ކެލާގައި ރިސޯޓެއް، ފަޅު ތެރޭގަ ޔޮޓް މެރީނާއެއް
މެންބަރު ޝަރީފްގެ މުޅި ވިސްނުން ބިނާ ވަނީ ކެލާގައި ދިރިއުޅޭ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށެވެ. ކެލާ ފަޅުވާން ދޫނުކޮށް އެ ރަށުގައި ބަޔަކު ދިރިއުޅެވޭނެ ގޮތެއްހޯދައި ދިނުމަށެވެ.
"ކެލާގައި އާމްދަނީ ލިބޭ ފުރުސަތުތައް މަދުވެެ އަސާސީ ޚިދުމަތްތައް ވެސް ނުލިބުމުގެ ސަބަބުން ކެލާގެ އާބާދީގެ ބޮޑު ބައެއް މިއަދު ރަށުން ބޭރުގައި އެބަ އުޅޭ. އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި އެބަ އުޅޭ ރަށުން ބޭރުގަ. ކެލާގައި ޓޫރިޒަމް ވިޔަފާރި ފުޅާވުމާ އެކީ އަޅުގަނޑުގެ އުއްމީދަކީ ކެލައަށް ގިނަ ބަޔަކު އައިސް ދިރިއުޅެން ފަށައި ކެލާގެ އިޤްތިޞާދުގެ ތެރެއަށް އާމްދަނީ ވަންނަ ގޮތެއް ވުން." މެންބަރު ޝަރީފް ވިދާޅުވިއެވެ.
މެންބަރު ޝަރީފް ވިދާޅުވި ގޮތުގައި ކެލާގައި ޓޫރިޒަމް ވިޔަފާރި ފުޅާ ވުމުގެ ސަބަބުން އަދި ކެލާ ތުނޑީގައި ރިސޯޓް ޤާއިމް ކުރުމުގެ ސަބަބުން ކެލާގެ ކައުންސިލަށް ލިބޭ އާމްދަނީއިން ވެސް ގިނަ ކަންކަން ހައްލު ކުރަން ހޭދަކުރެވޭނެއެވެ. އަދި ކެލާއަކީ ފަޅު ބޮޑު ރަށެއް ކަން ފާހަގަކުރައްވައި މެންބަރު ޝަރީފް ވިދާޅުވީ، އެ ފަޅުގައި ޔޮޓް މެރީނާއެއް ޤާއިމް ކުރުމުގެ ވިސްނުމެއް އެބަ އޮތް ކަމަށާއި އެއިން ވެސް ރަށުގެ އިޤްތިޞާދަށް ރަނގަޅު އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ.
"މި އާމްދަނީއިން ކެލާގައި މިއުޒިއަމް އެޅުމާއި، މަސް މާރުކޭޓް އެޅުމާއި، މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެން ދާނެ." މެންބަރު ޝަރީފް ވިދާޅުވިއެވެ.
ދައްޕަރު ރިސޯޓްއާއެކު ފިއްލަދޫ ތަނަވަސް ކުރެވޭނެ
ކެލާ ދާއިރާގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި އަތޮޅުގައި ފަސްވަނައަށް އެންމެ އާބާދީ ބޮޑު ފިއްލަދޫގައި ޓޫރިޒަމް ވިޔަފާރި އެއްވެސް ވަރަކަށް ނެތުމުގެ ސަބަބުން ރަށުގެ އިޤްތިޞާދުގައި މާ ބޮޑު ތަނަވަސް ކަމެއް ނެތެވެ. އެކަމަކު މެންބަރު ޝަރީފް ޤަބޫލު ކުރައްވާ ގޮތުގައި ރީތި ދޮންވެލި ގޮނޑުދޮށެއްގެ ދިގު މަގެއް އޮންނަ ފިއްލަދޫއަށް ވުރެ ޓޫރިޒަމް ގެނެވޭނެ ފަހި އެހެން ރަށެއް ވަކި ނެތެވެ.
ފިއްލަދޫގައި އޮންނަ ދޮންވެލި މަގުން އުތުރަށް ދެވޭ އިރު އޮންނަ އެ ރަށާ ގުޅިފައިވާ ދައްޕަރުގައި ރިސޯޓެއް ތަރައްޤީ ކުރުމަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ވިސްނުމެކެވެ. އެ ވިސްނުން މި ސަރުކާރުގައި ކުރިއަށް ވުރެ ފުޅާ ވެފައިވާ ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ. "ސެކަންޑް ހޯމް ޓޫރިޒަމް ކޮންސެޕްޓް" ގައި ފުރަތަމަ ތަރައްޤީ ކުރެވޭ ރިސޯޓެއްގެ ގޮތުގައި ދައްޕަރު ތަރައްޤީ ކުރުމުން އާމްދަނީ ލިބޭ މަގުތައް ތަނަވަސް ވާނެ ކަމުގައި ޝަރީފް ޤަބޫލު ކުރައްވައެވެ.
"ފިއްލަދޫއަށް އެންމެ ބޮޑު ޕްރޮޖެކްޓްއަކީ ދައްޕަރު ޕްރޮޖެކްޓް. އެއީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ކުރިއަށް ގެންދަން މަސައްކަތް ކުރި ޓޫރިޒަމް ޕްރޮޖެކްޓް. އެކަމަކު ކުރީގެ ސަރުކާރުގައި ނޫމަޑިއިން އެހެން ރަށެއް ބޭނުންވާތީ އެ ގޮތަށް ކުރިއަށް ދިޔައީ. އެހެންވިޔަސް މި ސަރުކާރުގެ ރިޔާސީ ވައުދެއް އެއީ ދައްޕަރުގައި ޓޫރިޒަމް ރިސޯޓެއް ތަރައްޤީ ކުރުން. މި ގޮތުން ސެކަންޑް ހޯމް ކޮންސެޕްޓްއަށް ދައްޕަރު ތަރައްޤީ ކުރާނީ." މެންބަރު ޝަރީފް ތަފްސީލް ކޮށްދެއްވިއެވެ.
ފިއްލަދޫގައި ވެސް އަސާސީ ޚިދުމަތްތައް ޤާއިމް ކުރެވެން ޖެހޭ ކަމުގައި މެންބަރު ޝަރީފް ޤަބޫލު ކުރައްވައެވެ. ފިއްލަދޫގެ ރައްޔިތުން ކުރަމުންދާ ދިގު އިންތިޒާރު އިތުރަށް ދިގު ކުރަން މެންބަރު ވެސް ބޭނުމެއް ނުވެއެވެ. ފިއްލަދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވަރަށް އަވަހަށް އެ މަސައްކަތް ނިންމޭނެ ކަމުގައި ޝަރީފް އުއްމީދު ކުރައްވައެވެ. އަދި އެ ރަށުގައި އޭޓީއެމްއެއް އެޅުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ވަށަފަރު ފަޅުގައިވާ ދެ ރަށް ތަރައްޤީ ކުރުން
ކެލާ ދާއިރާގައި ދެން ހިމެނޭ ވަށަފަރަކީ އާބާދީ ގޮތުން ކުޑަ ރަށެއް ކަމުގައިވިޔަސް އެ ރަށް ބާކީ ކުރުމަށް މެންބަރު ޝަރީފް ބޭނުމެއް ނުވެއެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި މިއިން ކޮންމެ ރަށަކަށް ވެސް ބޭނުންވާ ހެޔޮ ބަދަލުތައް ގެނެވޭނެއެވެ. ވަށަފަރަކީ ވެސް ޤުދުރަތީ ރީތި ރަށަކަށް ވެފައި ވަށައިގެން ބޮޑު ފަޅެއް އޮތް ރަށެކެވެ. އަދި އެ ފަޅުގައި އިތުރު ދެ ފަޅު ރަށް ވެސް އެބަ އޮތެވެ.
ވަށަފަރު ފަޅުގައި އޮތް ފަޅު ދެ ރަށް ކަމުގައިވާ، ކަނޑާފިނޮޅާއި ބާނާފުށި ވެސް މި ވަގުތު އޮތީ އެއްބަސްވުންތަކުގެ މައްސަލައެއްގައި ތާށިވެފައެވެ. އެކަމަކު މި ސަރުކާރުގައި އެ މައްސަލަތަކަށް ގޮތެއް ހޯދޭނެ ކަމުގައި މެންބަރު ޝަރީފް ޤަބޫލު ކުރައްވައެވެ. އަދި އެ ދެ ރަށުގައި ވެސް ޓޫރިޒަމް ވިޔަފާރި ފެށުމުން ވަށަފަރަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގައި މެންބަރު ޝަރީފް ދެކެވަޑައިގަންނަވައެވެ.
އެމްޑީޕީގެ ކައުންސިލަކަށް ފުރުސަތު ދީ!
މެންބަރު ޝަރީފް ވިދާޅުވީ ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ތަރައްޤީ ކުރުމަށް މިފަދަ ވިސްނުންތަކަކީ މީގެ ކުރީގެ އެއްވެސް ސަރުކާރުގެ އަމާޒަށް އައިސްފައިވާ ވިސްނުންތަކެއް ނޫން ކަމަށެވެ. ކެލާ ދާއިރާ ތަރައްޤީ ކުރެވޭނީ ވެސް މި ވަރުގެ ވިސްނުމެއް ގެންގުޅޭ ބަޔަކަށެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވިސްނުމަށް މެންބަރު ޝަރީފް އެދިވަޑައިގަންނަވައެވެ.
"އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ އަންނަ ކައުންސިލްތަކުގައި އެމްޑީޕީގެ މެންބަރުން އިންތިޚާބު ކޮށްދޭން، އަޅުގަނޑުގެ މަަސައްކަތަށް ވެސް، ސަރުކާރުގެ މަސައްކަތަށް ލިބިދޭ ވަރަށް ބޮޑު ލުޔެއް އެއީ، ރަށްރަށަށް ގެންނަން މަސައްކަތް މި ކުރާ އިންޤިލާބަކީ އެމްޑީޕީއާ ގުޅިގެން އަންނާނެ ކަމެއް ކަން މިހާރު ވެސް ފެންނަމުން އެ ދަނީ،" މެންބަރު ޝަރީފް އިލްތިމާސް ކުރެއްވިއެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އޭ ކަލޭ އަނގަފޮނި ނުކަނޑާ.
އެހެން.. އެއީ އެމްޑީއަށް ހުރިހާ އަތޮޅުކައުންސިލްތައް ލިބޭގޮތައް..އޭރުން އާ ކައުސިލްތަކުގެ ގާނޫނުގެ ދަށުން ރިސޯޓުތައް ކުއްޔައް ދިނުމަކީ ކައުންސިލްގެ ބާރުގެ ދަށައް އަންނަ ކަމަކައް ހަދާފަ އޮތީމަ. ދެން މިކަމުން ނިކުންނާނެ ނަތީޖާއާއި މެދު ރައްޔިތަކު ފިކުރުކޮއްބަލަ. ސަހަރޯއޭ ހިތައް ނާރާތޯ. ރާއްޖޭގެ ދެން ހަލާކު ނުވެ އޮތް ޓޫރިޒަމް އިންޑަސްޓުރީވެސް ދެން މި ހަލާކުވީނޫންތޯ.
ބަލަ ސަރީފޫ ތިޔަ އަތޮޅުގަ އޮތް އުލިހަމަކީ އޮޓަމެޓިކުން ޔޮޓު މެރީނާއަކަށް ވެފަ އޮތް ތަނެއް. ގަދަކަމުން އެއްޗެތި ފެލަން އަބަދުވެސް ތިޔަ އުޅެނީ ކީއްވެތަ ސަރުކާރުން މިހާރު އޮތީ އެރަށުގަ ޔޮޓުމެރީނާ ހަދަން އިއުލާނުކޮށްފަ ތިހާ ކައިރި ކައިރީގަ ހެދޭތަ؟؟ އެފޯޑަބަލް ވާނެތަ؟؟ ކޮންނެވެސް އެހެން ކަމަކާ އުޅެބަލަ މީދާ ކޭ އުބެއްތަ ތި ހުންނަނީ ބޮލެކޭ ކިޔާފަ.. މުސްކުޅިން ބުނެއުޅޭ އެ ކަންވާރެއްގަ ހުރި އެއްޗެކޭ އެއިން ތިކި ތަޅާނީ
މިއީ ތާކުން ތާކުން ނުޖެހޭ ހިޔާނާތް ތެރިއެއް. ދާއިރާގެ ގިނަ ޕްރޮޖެކްޓްތައް ހުރީ ރައްޓެހިންނާއި ޕާޓީމީހުންނަށް ދީ ކަޓުނަގާފަ.