(ހއ. ވަށަފަރު) ހަނދާނަށް އަންނަނީ ނ.މަނަދޫ ބިޖިލީގޭ، އަބޫބަކުރުގެ އާދަމްގެ ޝާއިރީ ގަލަމުން ލިޔުއްވި ފުރިހަމަ ޅެން "ގައުމުގައި އެންމެ އިސްކަން ދޭ މަސައްކަތަކީ މަސްވެރިކަން" މި ޅެމުގެ މަތިންނެވެ. އެ ޅެމުގެ ފުރަތަމަ ބައިތުގައި ޅެންވެރިޔާ އެ ވިދާޅުވާ ފަދައިން ދިވެހި މަސްވެރިކަމަށް ދިވެހިން ދެމުން ގެންދާ ޝައުގުވެރިކަން، ދިވެހި ބިމުގައި އިތުރުކުރުމަށްޓަކައި އިހު ޒަމާނުގައި ނިކަން އިސްކަން ދިނެވެ. އަދި އިހުގެ މަސްވެރި ކަތުންނާ އެއްސަފުން ހިނގުމަށްޓަކައި ކެރިގެން މަސައްކަތް ކުރިކަމާއި މަސްރޯދިކުރައްވާތޯ ދިވެހިން ކުރި ބުރަ މަސައްކަތާ މެދު ޅެންވެރިޔާ ގެންނެވި ވާހަކަތަކަކީ ވެސް ހަމަ ތެދު ވާހަކަތަކެކެވެ. އަދި މި ޅެމުގެ ފަހު ބައިތުތަކުގައި ބުނާ ފަދައިން ދިވެހި މަސްވެރިކަން އިހު ޒަމާނުގައި ވެސް ދެމި އޮތީ އެ މަސައްކަތުގައި ޝައުގުވެރިކަމާއެކު ބަޔަކު ދެމި ތިބީމަ ކަން ގައިމެވެ. ލޯތްބާއެކު ޖީލުތަކަށް ދަންމާލި މަސްވެރިކަން ފަނޑު ނުވެ އޮންނާނީ އެ ޒިންމާ އުފުލާލަން ކެރޭނެ ބަޔަކު ހަށިފޮޅާލާ ތެދުވެގެންނެވެ.

" ތަރައްގީ ކުރުވަމުން މަސްވެރި މަސައްކަތް މެދުނުކެނޑި ދިވެހިން
ތަރައްގީ ރުހޫގައި ކުރަމުންދަނީ ހުރެގެން ހުނަރުވެރިކަން
ދިރުންހުރި އިގްތިސާދީ ކުރިއެރުން މަސްވެރިކަމުން
ޚިޔާލުގެ މަސްވެރިންނޭ ގައުމު އެގޮތުން ކޮށްދެނީ ރޯޝަން
ދިވެހި މަސްވެރިކަމަށް ހީނަރުކަމެއް އެއްވެސް ޒަމާނެއްގައި
ދިމާވާގޮތް ނުވުން އެދިގެން ދުއާ ތަކުރާރު އަބަދުކުރަން" މިއީ އަބޫބަކުރުގެ ޅެމުގެ ފަހު ބައިތުތަކެވެ.

ނިންމާލަމުން ޝާއިރު އެ ވިދާޅުވަނީ ތެދެކެވެ. ދިވެހިންގެ ލޭނާރަކީ މަސްވެރިކަން ކަމަށް ފަހުރުވެރިކަމާއި އެކު ބުނަމުންދާ މި ދިވެހިރާއްޖޭގައި މަސްވެރި ރަށަކުން އެ ލައްޒަތު ފިލާ ދިއުމަށް ވުރެ ވަކި ހިތްދަތި އެއްކަމެއް ވެސް ނޯންނާނެއެވެ. ފޯރި އާއި ޖޯޝާއެކު މަސްވެރިކަން ކުރަމުން އައި ރަށެއްގައި މަސްވެރިކަން ހީނަރުވުމަކީ އެ ރަށުގެ ކޮންމެ ރަށްވެއްސަކަށް ވެސް މޮޅިވެރިކަން ގެނުވާނެކަމެއް ކަން ގައިމެވެ.

ކިތަންމެ ދެކެން ބޭނުން ނުވި ނަމަވެސް މިއީ ހއ.ވަށަފަރުގެ ތަދު، ތެދު ހަގީގަތެވެ. އިހު ޒަމާނުގައި މި ރަށަކީ މަސްވެރި ރަށަކަށްވީ ނަމަވެސް މިހާރު އެ ކުލަވަރު މުޅިން ފަނޑުވެއްޖެއެވެ. ޒަމާނެއްގައި މި ރަށުގައި މަސްވެރިންގެ އާރު ކިތަންމެ ރަނގަޅު ނަމަވެސް މިއަދު މިއީ މަސްވެރިކަމަށް ބީރަށްޓެހި ރަށެކެވެ. މި ރަށު ކައުންސިލުން ބުނާ ގޮތުން މި ރަށުގައި މިހާރު އެއްވެސް ވަރަކަށް މަސްވެރިކަން ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

"މިހާރު ނެތް މަސްވެރިކަމެއް. އެއްގޮތަކަށް ވެސް ނެތޭ ބުންޏަސް ރަނގަޅުވާނެ. އެކަމަކު މަސް ލިބުން ދައްޗެއް ނޫން. ކައިރި ރަށްރަށުން މަސް ދޯނިތައް އާދޭ ހަމަ މަސް ހިފައިގެން. އަގު ކޮންމެެވެސް ވަރަކަށް ބޮޑު ވަނީ." ކައުންސިލުން ވިދާޅުވިއެވެ.

ވަގުތު ހޭރިޔާ ޓީމާއި ވަށަފަރު މުއައްސަސާތަކާއި ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ރަށުގެ އުމުރުން ދުވަސްވީ މީހެއް ކަމަށްވާ މުހައްމަދު ހަސަން ކިޔައި ދިން ގޮތުގައި މި ރަށަކީ ވަރަށް ވާދަވެރިކަމާއެކު މަސްވެރިކަން ކުރަމުން ދިޔަ ރަށެކެވެ. މި ރަށަކީ އެ ޒަމާނުގައި ހައެއްކަ އޮޑި މަހަށް ދަތުރުކުރަމުން ދިޔަ ޒަމާނަކަށް ވާއިރު އޭރު އޮޑިއެއްގައި 12 ވަރަކަށް މީހުން މަހަށް ގޮސް އުޅުނު ކަމަށްވެއެވެ. އަދި 1990 ގެ އަހަރުތަކުގައި ވެސް މި ރަށުގައި ވަރަށް ފޯރީގައި މަސްވެރިން ކުރިކަމަށް އޭނާ ބުނެއެވެ. ކަނޑު ގަދަ ދުވަސް ދުވަހު ވެސް މަހަށް ނުނިކުމެ ނުތިބޭ ވަރަށް މި ރަށު މީހުން ތިބީ އޭރު މަސްވެރިކަމަށް ދެވި ހިފާފައި ކަމަށް އޭނާ ބުނެއެވެ.

"ނަށާލާފައި އަންބާކިޔާފައި އެއް ވާނަކަށް މަސްވެރިކަމަށް ދަނީ. ރާގޮނޑި ބާނާނެ އެހާވަރަށް. 1200 ރާގޮނޑި ބޭނި ދުވަސްވަރެއް ވެސް ދިޔަ. 12 މީހުން ތިބޭ އޮޑިއެއްގައި. މަހަށް ގޮސް އުޅުނީ ނިކަން ހީވާގި ކޮށް. ފަހުން އެކަން މަދުވަމުން މަދުވަމުން ދިޔައީ. މިއަދު އަހަރުމެން މިތިބީ ގައިބާރު ދޫވެފައި. ދެރަވެސްވޭ ހިތާމަވެސް ކުރަން. ދަންވަރުވެސް ދަނީ. ހާދަ ގަދަ ކަނޑެއްގައި ވެސް މަަހަށް ދެއޭ. އޭރު ކުރިކަންތައް ކޮބާ؟ އެހެންވީމަ ވަަރަށް ދެރަ." އޭނާ ކިޔާދިނެވެ.

ހއ. ވަށަފަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ރަށުގެ އުމުރުން ދުވަސްވީ އިތުރު މީހަކު ކިޔައި ދިން ގޮތުގައި މި ރަށުގައި ހައެއް ނޫނީ އަށް ދޯނި މަހަށް ނުދާ ޒަމާނެއް އޭނާ ހަނދާނެއް ނުވެއެވެ. އެހާވެސް މިރަށުގައި މަސްވެރިކަން ތިޔާގިއެވެ. ނަމަވެސް ބަވަނަ ވެގެން އައި ދުނިޔެ އާއެކު ރަށުގެ ޒުވާނުން އެހެން މަސައްކަތްތަކަށް ހިތްޖެހި މަޑުމަޑުން މަސްވެރިކަމުން އަތް ވީއްލަން ފެށި ކަމަށް އޭނާ ކިޔާދިނެވެ. މަސްވެރިކަން ދީލާލަން ފުރުސަތު ލިބުނީ އެ މަސައްކަތަށް ރަށު ރައްޔިތުންނާއި ވެރިން ދެމުން އައި ސަމާލުކަން ކުޑަވުމުން ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.

" ނިކަމެތީ މިހާރު. މިހާރު މިއީ ފަޅު ރަށެކޭ ބުންޏަސް ރަނގަޅުވާނެ. ކުރިން ބައި މަދު. މިހާރު މީހުން ބައި ގިނަ. އެކަމަކު މަހަކަށް ނުދޭ. އާރޯކަމެއް ނެތް. މަސްވެރި ރަށެއް. މަސްވެރިކަން ކުރެވޭ އަށް ގަނޑެތި އޮވޭ. މިހާރު އެއް ގަނޑެތި ވެސް ނެތް." އޭނާ ފާހަގަކުރިއެވެ.

މި ރަށުގެ މަސްވެރިކަން ދަށްވާން ފެށި ސީދާ އަހަރެއް އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް ދެހާހުގެ އަހަރުތަކުން ފެށިގެން ރަށުގައި ކުރިން އޮތް މަސްވެރި ރޫހު ނެތްކަން އެއީ ރަށުގެ މީހުން އިއްތިފާގުވާ ކަމެކެވެ. ދުވަހަކަށް ވުރެ ދުވަހެއް މަސްވެރިކަން ދަށްވަމުން ގޮސް ބަލަބަލާ ތިއްބާ ރަށުގެ މަސްވެރިކަން އެއްކޮށްހެން ހަފުސްވެ ނިމިއްޖެއެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރު ދުވަސް ތެރޭގައި ރަށުގެ މަސްވެރިކަން ވަނީ އެއްކޮށްހެން ވިއްސިވިހާލިވެފައެވެ. ރަށުގައި މަހަށްދާ ދޯނިތަކެއް ނެތި ރަށު ބަޔަކު ބާނާ މަސްކޮޅެއް ރަށަށް ރޯދިކުރައްވާނެ މަގު އެއްކޮށް ބަންދުވެ، މިހާރު މި ރަށު މީހުންނަށް މަސް ގަންނަން މަޖުބޫރު ވެފައި ވަނީ އެެެހެން ރަށްރަށުގެ މީހުންގެ އަތުންނެވެ.

ހއ. ވަށަފަރު ބަނދަރު ސަރަހައްދު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޮތުން ކައިރި ރަށްރަށުގެ މަސްދޯނިފަހަރުން ވަަށަފަރަށް އައިސް މި ރަށަށް ބޭނުންވާ ވަަރަށް މަސްފޯރުކޮށްދެއެވެ. ނަމަވެސް ގިނަ ފަހަރު މަސް ގަންނަން ޖެހެނީ އާއްމުކޮށް މަސް ލިބޭ މިންވަރަށް ވުރެ އަގޮބޮޑުކޮށެވެ. ރަށުގެ މަސްވެރިކަން މިހާބޮޑަށް ދަށްވި އެއް ސަބަބަކީ މަސްވެރި އުޅަނދުތައް ބަނދެގެން އެ މަސައްކަތް ކުރުމުގެ ރޫހު ރަށުގައި ނެތުން ކަމަށް ރަށު މީހުން ފާހަގަކުރެއެވެ.

" ކުރީގެ އޮޑިދޯނި ފަހަރުތައް ނަގައިގެން އެކަން ކުރަން ބޭނުންވާ ބަޔަކު ނެތީ. މި ރަށުގައި އަޅުގަނޑުމެންގެ ހަނދާނުގައި ވެސް 10 ވަރަކަށް ދޯނި އޮތް. ކުރިން މަސްވެރިކަން ހުއްޓާލީމަ ވަރަށް ދެރަ. އިންޖީނު އަޅައިގެންވެސް ހަތަރު ދޯނި އޮތް. މިހާރު އޮތީ މަސް ބާނާ އެންމެ ދޯންޏެއް. އެ ދޯނިވެސް އޮތީ މަރާމާތުގައި." ރަށުގެ މީހަކު ކިޔައި ދިނެވެ.

ވަށަފަރުގައި މަސް ތަދު ނުވި ނަމަވެސް ޒަމާނުއްސުރެ ކުރަމުން އައި މަސްވެރިކަން ރަށުން އެއްކޮށް ފޮހެވިގެން ދިއުމަކީ ވަތަނިއްޔަތަށް ލޯބިކުރާ ހިތަކަށް ކެތްވާނެ ކަމެއް ނޫނެވެ. އިހު އޮތް ޖޯޝާއި ފޯރީގެ އަލީގައި މި ރަށުގައި އަލުން މަސްވެރިކަން ދިރިގެންދާ މަންޒަރު ބަލާލުމަކީ މި ރަށުގެ އިސްރަށްވެހިންނާއި ރަށުގެ ދިވެހި ވަންތަކަމާއި މަސައްކަތްތެރިކަމުގެ އަސްލަށް ލޯބިކުރާ އެތައް ބަަޔަކު ކުރާ ފޮނި އުންމީދެކެވެ.