އަތޮޅު ކައުންސިލްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް އިންތިހާބު ކުރުމަކީ ލާމަރުކަޒީ ނިޒާމްގައި އަންހެނުން ބާރުވެރި ކުރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ސްޓްރެޓެޖިކް މަސައްކަތްޕުޅަށް ލިބުނު ކާމިޔާބީއެއް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު ރޭ ވަނީ އިންތިހާބުކޮށްފައެވެ. އެ މަގާމަށް އިންތިހާބުވީ ފ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ.

އާދަމް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އަލަށް ހޮވިވަޑައިގެންނެވި ހައްވަ އަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

މިއީ ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރި ކުރުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ސްޓްރެޓަޖިކް މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ހައްވަ އަށް ފުރިހަމަ އަށް ކާމިޔާބީއަށް އެދެން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހައްވަ އަށް ލިބިވަޑައިގަތީ 941 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ފ. ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލަށް ލިބުނީ 888 ވޯޓެވެ. ހައްވަ އަކީ ފ. އަތޮޅު ކައުންސިލްގެ އިދާރީ އެކި މަސައްކަތްތަކުގައި 2،000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިލެކްޝަނުން އިއްޔެ ވަނީ ވ.ފެލިދޫ ކައުންސިލްގެ ރައީސާއި, ރ.ރަސްގަތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓްލުން ވެސް ބާއްވައިފައެވެ. ފެލިދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް ވ. ފެލިދޫ ލަކީ ސްޓާ، ހުސެއިން ވިސާމެވެ. އޭނާ އަށް 200 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ވ. ވަންހަލް، މާލެ އަބްދުއްޝަކޫރް އިބްރާހިމަށް 106 ވޯޓު ލިބުނެވެ.

ރަސްގަތީމުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު، ރަސްގެތީމު، ފަރުދާވިލާ މަރިޔަމް ސުހާއެވެ. އޭނާ އަށް 86 ވޯޓު ލިބިވަޑައިގެންނެވިއިރު، ރަސްގެތީމު، ކުދިރަތްމާގެ، ހައްވާ އަށް ލިބުނީ 93 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު