އަވައްޓެރި ލަންކާގައި "ކޮޅުނބު އަދަބީ ޢީދު 2018" ބޭއްވުމަށްޓަކައި ދިވެހި ޅެންވެރީން ލަންކާއަށް ފުރައިފިއެވެ.

ކޮޅުނބުގައި ހުންނަ މޯލްޑިވްސް އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (ސޯސަންވިލާ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަދަބީ ޢީދުގެ ހަރަކާތްތައް ކުރިޔަށް ދާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ ތަފާތު އަދަބީ މުބާރާތްތަކާއި ދިވެހި ކިލާސްތައް ހިމަނައިގެން ކުރިޔަށް ގެންދާ ޢީދެކެވެ. އޭގެ ތެރޭގައި ރައިވަރު ކިޔުމާއި ޅެން ކިޔުމާއި ވާހަކަ ކިޔުމާއި ފާރުނޫސް ލިޔުމާއި، ޚަބަރު ކިޔުމާއި، އަތުލިޔުމާއި، މިހެން ގޮސް ތަފާތު 22 މުބާރާތެއްގެ އިތުރުން ބަހަށް އަހުލުވެރި ކުރުމުގެ ކިލާސްތަކެއް ހިމެނެއެވެ.

މި އަދަބީ ޢީދުގައި މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރެއްވުމާއި ކިލާސްތަކުގައި ކިޔަވައި ދެއްވުމަށް ޓަކައި ޅެންވެރީންގެ ތެރެއިން ކޮޅުނބަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ އާއި އަދަބީ ޢީދުގެ ކޯޑިނޭޓަރު ފަތުޙުﷲ ޞާލިޙުގެ އިތުރުން ޅެންވެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ހޯއްދަވާފައިވާ ތިން ބޭފުޅުންކަމަށްވާ ރަމްލާ ޢަބްލްޣަނީ އާއި ރޯނުގޭ ޙަސަން މަނިކާއި ކޮޕީ މުޙައްމަދު ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އިތުރު ބައިވެރީންގެ ތެރޭގައި އަމްޖަދު ރަޝާދާއި ޢަބްދުއްރަޝީދު އަޙުމަދާއި ޢަބްދުﷲ އަޙުމަދާއި ޢައިޝަތު ޙުސައިން މަނިކާއި އަޙުމަދު ޝިޔާމު ހިމެނެއެވެ.

މިއީ ކޮޅުނބުގައި ތިބޭ ދިވެހި ކިޔަވާކުދީންނާއި މުދައްރިސުންނާއި ބެލެނިވެރީންގެ މެދުގައި ދިވެހި ބަހަށާއި ބަހުގެ އަދަބިއްޔާތަށް އަހުލުވެރި ކުރުމުގެ މަޤްޞަދުގައި ދިވެހި ޅެންވެރީން ބާއްވަމުން އަންނަ އަދަބީ ޢީދެކެވެ. މި އަދަބީ ޢީދު ބާއްވާ ސޯސަންވިލާއަކީ 600 އަށް ވުރެން ގިނަ ދިވެހި ކިޔަވާކުދީން ތަޢުލީމު ޙާޞިލު ކުރަމުން އަންނަ ދިވެހި އިސްކޫލެކެވެ. ދިވެހިބަހުގެ އެކެޑަމީއާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން ދިވެހި ޅެންވެރީން އަންނަނީ ސޯސަންވިލާގައި 2016ވަނަ އަހަރުން ފެށިގެން އަދަބީ ޢީދު ބާއްވަމުންނެވެ.