މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 60 ވަނަ މާއްދާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތް ބަޔާންކޮށްފައިވެއެވެ. އަދި، ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލައި، ޑިރެކްޓަރުންގެ ބޯޑަށް މައި ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން ފަސް ޑިރެކްޓަރުން އައްޔަނު ކުރަން ޖެހެއެވެ. އަދި އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބު ކުރަން ޖެހެއެވެ.

ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ، އަދި ވަކި ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އެ ޝަރުތުތަކަކީ:

  • ކުންފުނީގެ ހިއްސާދާރެއްކަމުގައިވުން.
  • އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވުން.
  • ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި، ބޯޑު ކޮމިޓީތަކުގެ ބައްދަލުވުންތަކާއި، ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
  • ކޯޓު ޙުކުމަކާ އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ނުވުން.
  • ކުށުގެ ރެކޯޑު ސާފު ފަރާތެއްކަމުގައިވުން.
  • ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ މާއްދާތަކުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވުމާއެކު، އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތެއްކަމުގައިވުން.
  • ކުންފުނީގެ އެއްވެސް ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުމާއި، ފާއިތުވި 01 (އެކެއް) އަހަރުތެރޭގައި ކުންފުނީގައި ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން، އަދި ކުންފުނީގެ ވިޔަފާރިއާއި މަސްލަހަތު ފުށުއަރާ މަސައްކަތެއްގައި ޝާމިލުވާ ފަރާތެއް ކަމުގައި ނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑުގެ ޑިރެކްޓަރުކަން ނުވަތަ މުވައްޒަފެއްގެ ގޮތުގައި ވޭތުވެދިޔަ 01 (އެކެއް) އަހަރު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރެވޭ ނުވަތަ އިންތިޚާބުކުރެވޭ ޑިރެކްޓަރުންނަކީ ކުންފުނީގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާއި ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ޝަރުޠުތަކާއި، ކޯޕަރޭޓް ގަވަރނަންސް ކޯޑާއި، ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުނިތަކުން ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުޞޫލުތަކުގައި ބަޔާންކުރާ ޝާރުތުތަކާއި، ކުންފުނިން ފާސްކޮށްފައިވާ ބޯޑު ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކުރާ ގައިޑްލައިންގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަމުގައިވުން.
  • ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތެއް ކަމުގައިނުވުން.
  • ޕަބްލިކް ނުވަތަ ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވުން ނުވަތަ ޕަބްލިކް/ސަރުކާރު/ޕްރައިވެޓް ކުންފުންޏެއްގެ މެނޭޖްމަންޓް ލެވެލްގައި ނުވަތަ އެއަށްވުރެމަތީ ފެންވަރުގެ މަގާމެއްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަރސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ފަސް އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

މިމަޤާމަށް ހޮވުމުގައި ކޯޕަރޭޓް ގަވަނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ޤާނޫނީ، ފައިނޭންސް އަދި ކުންފުނީގެ ވިޔަފާރިއާއި ގުޅޭ ދާއިރާއަކުން މަތީ ތަޢުލީމާއި ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ މަޤާމަށް، ވީހާވެސް ގިނަ އަންހެނުން ކުރިމަތިލައްވާ އިންތިޚާބުގައި ވާދަކުރެއްވުމަކީ އެ ކުންފުނިން ނުހަނު ބާރުއަޅާކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ، ދެ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ، ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވުމަށް އެދި ހުށަހަޅާ ފޯމު" އަދި "ކުށުގެ ރެކޯޑު ބަލާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 23 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

ކުންފުނީގެ "ހިންގާ ޤަވާއިދު"، "ބޯޑު ކެނޑިޑެންސީ ޕޮލިސީ"، "އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވުމަށް އެދި ހުށަހަޅައި ފޯމު" އަދި "ކުށުގެ ރެކޯޑު ބަލާ ފޯމު" އެ ކުންފުނީގެ ވެބްސައިޓް mtcc.mv އިން ލިބިވަޑައިގަންނަވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރައްވާނެއެވެ.

ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މައުލޫމާތު، އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ ކަމަށާއި އެ ދެ މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު