ވިލުފުށީ ދާއިރާއަކީ ތަރައްގީގެ ރާޑަރުން ގެއްލިފައިވާ ދާއިރާއެއް ކަމަށާއި އެ ދާއިރާއަށް ތަރައްގީ ގެނައުމަށްޓަކައި ސަރުކާރުގެ ކެނޑިޑޭޓެއް މަޖިލީހަށް ހޮވުން ވަރަށް މުހިންމު ކަމަށް ވިލުފުށީ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް ހަސަން ވަހީދު ވިދާޅުވެއްޖެއެވެ.

"ވަގުތު" ޓީވީގެ "ނިންމާނީ ދިވެހިން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންދާއިރު ވިލުފުށީ ދާއިރާ އޮތީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ތަރައްގީގެ ރާޑަރަށް ދާއިރާ ގެންނަން އެބަޖެހޭ ކަމަށެވެ.

"ވިލުފުށީ ދާއިރާ އޮތީ ރާޑަރުން ގެއްލިފައި، އެހެންވީމާ އެކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ތަރައްގީގެ ރާޑަށް ވިލުފުށީ ދާއިރާ އެބަޖެހޭ އަރުވަން، ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެމަނިކުފާނުގެ (ރައީސް ޑރ. މުހައްމަދު މުއިއްޒުގެ) ސިޔާސަތުތައް ތަންފީޒު ކުރުމަށް އެމަނިކުފާނަށް އެއްބާރުލުން ދޭނެ މަޖިލީހެއް އެބަޖެހޭ ހޯދަން." ހަސަން ވަހީދު ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް ހަސަން ވަހީދު

ހަސަން ވިދާޅުވީ، ދާއިރާގައި އިޖުތިމާއީ މައްސަލަތަކާއި އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުން ފަދަ ކަންތައް އެބަހުރި ކަމަށެވެ. އަދި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގައިވެސް ގިނަ ކަންތައް ރަނގަޅުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްލަކޮށް ދަންނަވާނަމަ ހުރިހާ ދާއިރާއަކުން ވިލުފުށީ ދާއިރާ ދަށްކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ." ހަސަން ވަހިދު ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރާފައިވާކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ، ތ. އަތޮޅަކީ ފަތުރުވެރިކަން އަދި ނާންނަ ދާއިރާއެއް ކަމަށެވެ. އެގޮތުން މުޅި ތ. އަތޮޅުގައިވެސް އޮންނަނީ އެންމެ ރިސޯޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަމަށްވާއިރު އެ ދާއިރާގައި ފަތުރުވެރިކަން ނެތުމަކީ ޒުވާނުންނަށް އޮތް ގޮންޖެހުމެއް ކަމަށް ހަސަން ދެކެއެވެ. އެހެންކަމުން އެ ދާއިރާއަށް ފަތުރުވެރިކަން ގެނެސް ޒުވާނުންނަށް އެދާއިރާގައި ފުރުސަތު ހޯދައިދިނުމަކީ ހަސަންގެ ސިޔާސަތެކެތެވެ.

"މީ އަޅުގަނޑުމެން ކުރަންޖެހޭ ސުވާލެއް. ކިއްވެތޯ ތ. އަތޮޅަށް ފަތުރުވެރިކަން ނައިސްގެން މިއުޅެނީ. ވަކިން ހާއްސަކޮށް ވިލުފުށީ ދާއިރާގައި ކީއްވެތޯ ފަތުރުވެރިކަން ނެތީ." ހަސަން ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް ހަސަން ވަހީދު

ހަސަންގެ މައިގަނޑު އެއް ސިޔާސަތަކީ ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ސަރުކާރާއި ގުޅިގެން ހޯދައިދެއްވުުމެވެ.

މީގެ އިތުރުން، ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ސަރުކާރަށް ވަރަށް މުހިންމު އިންތިހާބެއް ކަމަށާއި މެޖޯރިޓީ ސަރުކާރަށް ލިބުން ވަރަށް މުހިންމު ކަމަށް ހަސަން ވިދާޅުވިއެވެ. ސަބަބަކީ މިހާރުވެސް މަޖިލިސް ތެރޭގައި އިދިކޮޅު މެޖޯރިޓީ އޮވެގެން ސަރުކާރަށް ކުރަމުންދާ ޖެއްސުންތަކެވެ.

ސަރުކާރު ހުއްޓުމަކަށް ގެނައުމަށް މަޖިލިސް ތެރެއިން ކުޅެމުންދާ ކުޅިގަނޑު ހުއްޓުވައި ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ނެގުން ވަރަށް މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު