ދިރިއުޅޭ ތަނުން ފެނުނު މަސްތުވާތަކެއްޗަކީ ފުލުހަކު އެތަނަށް ވެއްދި އެއްޗެއް ކަމަށް މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް ވިޔަފާރިކުރި މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކާއި، 23 އަހަރުގެ މީހަކާއި 28 އަހަަރުގެ މީހެކެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ކޮންމެ މީހަކަށް ވަކި ވަކިން 10 ދުވަސް ބަންދަށް ޖަހާފައެވެ.

ބަންދުގެ މަޖިލީހުގައި މިތިން މީހުން ބުނީ، އެމީހުން ތިބި ތަނުން ފެނުނު މަސްތުވުތަކެއްޗަކީ ފުލުހަކު އެތަނަށް ލީ އެއްޗެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ލާފައި އޮތް ސިނގިރެޓު ފޮއްޓެއް ފުލުސް އޮފިސަރުގެ ޖީބުން ނަގައި އަލަމާރި މައްޗަށް ލީ ތަން އެ ތިން މީހުންނަށްވެސް ފެނުނު ކަމަށް ބަންދުގެ މަޖިލީހުގައި މި ތިން މީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ތަކެއްޗަކީ މި ތިން މީހުންނާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށްވެސް ކޯޓުގައި މި ތިން މީހުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މި މައްސަލައިގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި މި ތިން މީހުން ކޯޓުގައި ދެއްކި ވާޙަކައާއި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަވާ ކަމަށް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ތިން މީހުންގެ ތުހުމަތަށް ބާރުދޭނެ އިތުރު ހެއްކެއްވެސް ހުށަހަޅާފައިނުވާ ކަމަށްވެސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ހައްޔަރުކުރި ތިން މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ތިން ބާވަތަކަށް ޕޮޒިޓިވް ވެފައިވާއިރު މި ތިން މީހުންނަކީވެސް ހައްޔާރާއި ބަންދު ލޮގް އޮތް މީހުން ކަމަށްވެސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނަށް ބާރުދޭ ކަމަށްވެސް ބަންދު އަމުރުގައިވެއެވެ. އަދި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި ދެ ފަރާތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުރިކަމަށް ބުރަވެވޭ ކަމަށްވެސް އަމުރުގައިވަނީ ބުނެފައެވެ.

އެހެންކަމުން މި ތިން މީހުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި މި ތިން މީހުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު