މިދިޔަ ހަތަރު މަސް ތެރޭ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތުގެ ހަތް ޕަސެންޓު މަސައްކަތް ނިންމާލި ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ 4 މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ 7 ޕަސަންޓް މަސައްކަތް ނިންމާފައިވާއިރު، އޭގެ ކުރީ 25 މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ ނިންމުނީ 29 ޕަސަންޓް މަސައްކަތް ކަމަށެވެ.

އަދި އިތުރު ދެ ޖެކަޕް ޕްލެޓްފޯމެއް ގެނައުމަށް ތައްޔާރުވެފައިވާ އިރު، މި މަސް ނިމުމުގެ ކުރިން ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތަކާއެކު، މިއަށްވުރެ ވެސް ބާރު ސްޕީޑުުގައި މަސައްކަތް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ތޮއާމް ވިދާޅުވިއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026އަށް ވަނީ އިތުރުކޮށްފައެވެ.

އެފްކޮންސްއިން އެންމެ ފުރަތަމަ ސަރުކާރާއެކު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅާލަން އެއްބަސްވީ 27 މަސް ދުވަސް ތެރޭގައެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، މިދިޔަ ޑިސެމްބަރު މަހު ގުޅާލާ ގޮތަށް އޮތް ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މައިގަނޑު އަޅާނީ ތިން ބްރިޖެކެވެ. އެ ތިން ބްރިޖަކީ:

- މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖު.
- ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖު.
- ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖު.

- ވިލިމާލޭގައި އުޅަނދުތައް ދަތުރުކުރަން ރޭމްޕެއް ހަދާނެ.
- ގުޅީފަޅުގައި އުޅަނދުތައް ދަތުރު ކުރަން މަގެއް ހަދާނެ.
- ވިލިމާލެ އާއި ތިލަފުށިން ބައެއް ހިއްކުމަށް ހަމަޖެހިފައިވޭ

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ބްރިޖުގެ ދިގު މިނުގައި 6.9 ކިލޯމީޓަރު ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯޑް

    އެއްކޮށް ނިމުނީ އެއްނޫންތަ 4 މަސްތެރޭގައި

    10
    11
  2. ދުންނިކަ

    މިހާ ދުވަސް ވީއިރުވެސް ނިންމާ ނުލެވުނު ދޯ. ކީއްތަ މިސަރުކާރުން ތި ކުރަނީ.

    6
    8
  3. މުއިއްޒު

    ބުރިޖޭ ކިޔައިގެން އެންމެ ވޯޓެއް ވެސް ނުލިބޭނެ

  4. އަހަންމަދު

    36% ދޯ މިނިމުނީ