ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީލަންކާގެ އުޅަނދެއް، ދައުލަތަށް ނަގައި އޭގެ ވެރިފަރާތް 700،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަނިކޮށް ސިފައިން ހުއްޓުވި ލަންކާ ބޯޓަކާ ދެކޮޅަށް އިދާރީ ފިޔަވަޅު އަޅައި އެކަމާ ގުޅޭ މައްސަލަ ފިޝަރީޒް މިނިސްޓްރީން ސިވިލް ކޯޓަށް ހުށަހެޅީ، އެ މިނިސްޓްރީން ކުރި ޖޫރިމަނާ ދައްކާފައިނުވާތިއެވެ. އެ މިނިސްޓްރީން ދައުވާ ކުރީ ސްރީލަންކާގެ މަސްބޯޓުގެ ވެރިފަރާތް ކަމުގައި ޕީއެސްއެސް ފަރނެންޑޯ އާ ދެކޮޅަށެވެ.

އެ މިނިސްޓްރީން ކުރި ދައުވާގައި ވަނީ ސްރީލަންކާގެ އެ މަސްބޯޓާއި އޭގައިވާ އެންމެހާ އާލާތްތަތަކާއި، މުދަލާއި ކުށްކުރުމަށް ބޭނުންކުރި އެންމެހާ ސާމާނު ދައުލަތަށް ނަގައިދިނުމަށާއި އަދި 700،000ރ. (13.6 މިލިއަން ލަންކާ ރުޕީސް)ގެ ޖޫރިމަނާ ދެއްކުމަށް ފަރނެންޑޯއަށް އެންގުމަށް ސިވިލް ކޯޓުގައި އެދިފައެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކުރީ، ހުރިހާ ލިޔެކިޔުމެއް ފަރނެންޑޯގެ ފަރާތުން އައްޔަންކުރި ވަކީލަށް ރައްދުކޮށްފައިވާ ކަމެވެ. އެހެން ނަމަވެސް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ 14 ދުވަސް ހަމަވި އިރުވެސް ފަރނެންޑޯގެ ފަރާތުން ދައުވާއަށް އެއްބަސްވެފައިވާ ކަމުގެ ލިޔުންވެސް އަދި ދިފާއީ ޖަވާބެއްވެސް ހުށަހަޅާފައިނުވާ ކަމަށްވެއެވެ. އެހެންކަމުން ހުކުމް ކުރީފަރނެންޑޯގެ ޣައިރުހާޒިރުގައެވ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރު އުޅަނދުފަހަރު ރިޕޯޓުކުރުމެއްނެތި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅެ ގަވައިދުގެ ދަށުން ސްރީލަންކާގެ މަސްބޯޓެއް ކަމަށްވާ "ސުދިދަ ޕުތަ 2"ގެ ވެރިފަރާތް ފަރނެންޑޯއަށް ފިޝަރީޒް މިނިސްޓްރީން، ޖޫރިމަނާކޮށް ޕެނަލްޓީ ނޯޓިސްއެއް ފޮނުވި ނަމަވެސް، އެ ނޯޓިސްގައިވާ މުއްދަތުގައި އެފައިސާ ދައްކާފައި ނުވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.

ޣައިރު ހާޒިރުގައި ކުރި ހުކުމުގައި އަންގާފައި ވަނީ މިނިސްޓްރީން ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ ޖޫރިމަނާ އަށްވާ 700،000ރ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 14 ދުވަސްތެރޭގައި ދައްކައި ހަލާސްކުރުމަށެވެ. އަދި އުޅަނދާއި، އެ އުޅަނދުގެ އެންމެހާ ވަސީލަތްތަކާއި، އާލަތްތަކާއި މުދަލާއި، ކުށްކުރުމަށް ބޭނުންކުރި އެންމެހާ ތަކެތި ދައުލަތަށް ނެގުމަށް ވަނީ ހުކުމް ކޮށްފައެވެ.

ރާއްޖޭގެ ކަނޑު ސަރަހައްދުގައި ހަރަކާތްތެތިވާ މިފަދަ ބައެއް އުޅަނދުތަކަށް ފިޔަވަޅު އަޅައެވެ. އަނެއް ބައި އުޅަނދުތައް އެ އުޅަނދެއް ނިސްބަތްވާ ގައުމަކާއި މަޝްވަރާ ކުރުމަށްފަހު ދޫކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ވަރަށް ރަނގަޅު ހަބަރެއް.

  2. ބުމަރު

    ތިޔަހެން ހުކުންކުރީމަ ތަންފީޒުވޭތަ؟

    މަށައް ލާރި ދޭން އޮތް ރާއްޖޭ މީހެއްގެ މަށްޗައް ކުރި ހުން އަދިވެސް ތަންފީޒު ނުވޭ މިހާރެ 15 މަސްވީ ، ގެއްލުމުގެ ބަދަލުވެސް ނުލިބޭނެ ހުކުން ކުރިފަހުން 10 އަހަރުވިޔަސް ހުސް އަނިޔާ