ނިމިދިޔަ ރަމަޟާންމަހުގައި މަގުމަތީ ކަންކަން ހައްލު ކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުން ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ފެށި ފަހުން މިހާތަނަށް 348 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ހާމަކުރި ގޮތުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްގެން ޓޯ ކުރި އުޅަނދުތަކުގެ ތެރޭގައި ކާރާއި ޕިކަޕް، ވޭންތަކާއި ޖިޕްގެ އިތުރުން ޓްރަކުވެސް ހިމެނެއެވެ. މިހާތަނަށް 348 ވެހިކަލް ވަނީ ޓޯކޮށްފައިވާއިރު، އޭގެތެރެއިން 59 ވެހިކަލަކީ ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ވެހިކަލް އިންޑަސްޓްރިއަލް ވިލެޖް ކައިރިން ޓޯކޮށްފައިވާ އިރު ހުޅުމާލޭގެ ސަރަހައްދުތަކުންނާއި ބޮޑުތަކުރުފާނު މަގުގެ އިތުރުން ބައެއް ރަށްތަކުން ވެހިކަލްތަކެއް ޓޯކޮށްފައިވާ ކަމަށެވެ.

ޓޯކުރި ވެހިކަލްތަކުގެ ވެރިފަރާތުން އެ ތަކެތި ގެންދަން ދެ މަސް ދުވަހުގެ މުއްދަތެއް މިހާރު ދީފައިވާއިރު އެ މުއްދަތުގެ ތެރޭގައި ނުގެންދާ އުޅަނދުތައް ގާނޫނުގެ ދަށުން ހަމަޖައްސާފައިވާ އުސޫލުގެ މަތިން ނައްތައިލާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކްކުރުމުގެ މައްސަލައަކީ ވަރަށް ބޮޑަށް ދިމާވާ މައްސަލައެެކެވެ. އާއްމުން ހިނގާ މަގުތަކުގެ ޕޭވްމަންޓް މަތީގައިވެސް އުޅަނދުތައް ޕާކްކޮށްފައި ހުރެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އެ ސަރަހައްދުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގައި ބިނގައިވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެއެެވެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެނޫންވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާއި ގުޅުންހުރި އިދާރާތަކާއެކު ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާމިލް އެޑަމް

    ޓޯ ނުކުރެވޭނެ ސަރުކާރުން 4 ވީލާސް ޕާކް ކުރާނެ ތަންތަން ނުދައްކައެއް. ސޮލްޓް ވިއްކާފައޮތް މީހުންނަށް އެކަނި ޕާކުކުރެވެނީ ދެން ސްލޮޓްނުލިބޭމީހުން ކާރު ބާއްވާނެ ނުވަތަ ހިނދުކޮޅަކަށް ތަނަކަށް ވަދެލާފަ އަންނަންދެން ޕާކްކޮށްލާނެ ތަންކޮޅެއްވެސް ނުދީ ޓޯކުރުމަކީ ގާނޫނަޚިލާފް ވަރަށް އަނިޔާވެރި އަމަލެއް. ރައްޔިތުން މިކަން ހުއްޓުވަން މަގުތަކަށް ނުކުންނަން އެބަޖެހޭ!!!