ގދ. ތިނަދޫ ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ލިބުމުން އެ ކައުންސިލްގެ މެމްބަރުން އަލުން ހުވާކުރައްވައިފިއެވެ.

ރަށު ކައުންސިލްގެ ރައީސާއި ނައިބު އަދި މެންބަރުން ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި މެންބަރުން ހުވާ ކުރެއްވީ ރޭ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ސިޓީ ކައުންސިލުގެ މެންބަރުންނަށް ހުވައި ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒާ ނަޝާތަތު ޒަޢީމާއެވެ.

ތިނަދޫ ސިޓީ ކައުންސިލް މެންބަރުން

ސައުދު އަލީ - މޭޔަރ
ނަސްރުﷲ އަލީ - ޑެޕިއުޓީ މޭޔަރ
އަހުމަދު ވަހީދު - ސިޓީ ކައުންސިލް މެންބަރ
މުޙައްމަދު ޒަލީފް އަބްދުﷲ - ސިޓީ ކައުންސިލް މެންބަރ
އަހުމީމާ އަހުމަދު - ސިޓީ ކައުންސިލް މެންބަރ
އާމިނަތު ނަސީމާ - ސިޓީ ކައުންސިލް މެންބަރ
އައިޝަތު ލިއުޝާ ޒުބައިރު - ސިޓީ ކައުންސިލް މެންބަރ

ގދ. ތިނަދޫ ސިޓީގެ މޭޔަރާއި، ސިޓީ ކައުންސިލުގެ މެމްބަރުން ހުވާކުރައްވައި، ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން މަޤާމުގެ އިޤުރާރުގައި ސޮއި ކުރެއްވުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކައުންސިލުން ފުރަތަމަ ބައްދަލުވުމެއް ބޭއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ޝަރުއީ ދާއިރާގެ އިސްވެރީންނާއެކުގައެވެ.
ކައުންސިލް ބޭއްވި ބައްދަލުވުމުގެ ތެރެއިން ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
މިބައްދަލުވުމުގައި ލާމަރުކަޒު ވެގެން ރާއްޖެ ހިނގަމުންދާއިރު ޤާނޫނީގޮތުން ހުރި މުހިއްމު ބައެއް ކަންކަމުގެ ބޭނުންތެރިކަމުގެ މައްޗަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލު ކޮށްފައިވާ ކަަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލް ބޭއްވި ބައްދަލުވުމުގެ ތެރެއިން ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބިގެންވާ ބާރުތައް ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަޅައި ފާސް ކުރި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަސްދީގު ކުރެއްވީ މާޗް 26 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅުއްވި ނަމަވެސް، ތިނަދޫ ކައުންސިލުން ވަނީ އެ ރަށުގައި ހުންނަނީ ރަށު ކައުންސިލްގެ އޮފީހެއް ކަމަށާއި އެ އެކައުންސިލްގައި ތިއްބަވަނީ ރަށު ކައުންސިލަރުންނާއި ރަށު ކައުންސިލުގެ ރައީސް ކަމަށް ބުނެ ކަންބޮޑުން ފާޅު ކޮށްފައެވެ. އެހެންކަމުން އެއީ ސިޓީއެއް ކަމަށް އޮޅުން އަރާ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މިއާއެކު އެކަން ހައްލު ކުރުމަށް ލާމަރުކަޒީ ނިޒާމަށް އިސްލާހުތަކެއް ހުށަހެޅުުއްވީ އެމްޑީޕީގެ ފަރާތުންނެވެ. މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އަށެވެ.

މި ބިލަކީ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.

މި ބިލުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިޚާބަށް ފަހުގައެވެ.

ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، މި އިސްލާހުގައި ވާގޮތަށް އެ ރަށެއް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ސިޓީއެއް އުފައްދަނީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ، އެ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިސާބުން ފެށިގެން އުވިގެންދާނެކަމަށް ވެސް އެބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ޚިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯފަން

    އަދިވެސް އެބަގާވާތުގެ ދިދަގަނޑު ހިފާއިން

  2. ކޮޔާ

    ތީ ވހެއްވާ ކމެއް ދެފަހަރު ހުވާކުރަންޖެހޭތަ؟ކައުންސިލް މެމްބަރުން ތިބޭނެ ސިޓީ ކައުންސިލްގެ މެންބަރުންގެ ގޮތުގަ ބަދަލުވާނީ ސިޓ ކައުންސިލްގެ ނަމަށް ދެން ރއީސކީ ހމަ މޭޔަރު ނައިބަކީ ނައިބު މޭޔަރު އހެންވީމަ އިދާރީ ނަމާއި މޭޔަރުގެ ނަން ބަދަލު ވިޔަކަސް ހުވައެއް ކުރާކަށް ނުޖެހޭ ފޮނިކަނޑާނެ ކަމެއް ނެތް ސިޓީއެއްގެ ދަރަޖަ ފުރިހަމައެއްވެސް ނުވޭ ފުއްޕާމޭގެ ހިތުގެ ނާރުގެ މިބަލިތަކުގެ ޑރ ވެސް އަދި ނެތް ހޮސޕިޓަލު މުއައްޒަފުން އެހާފަރުވާކުޑަ