އިމިގްރޭޝަނުން ދެމުން ދިޔަ އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެދުކެނޑުމަށްފަހު މި މަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް ބުންޏަސް އަދިވެސް ހިދުމަތް ނުލިބޭކަން އެނގިއްޖެއެވެ.

މިމަސް ފެށުނުއިރުވެސް އީ ޕާސްޕޯޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އޭރު އިމިގްރޭޝަނުން ބުނީ ސްޓޮކް ހުސްވުމާއި ގުޅިގެން އީ-ޕާސްޕޯޓު ދޫކުރުން ހުއްޓާލާފައިވާ ކަމަށާއި އޭޕްރީލް 15، ގެ ފަހުން އީ-ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް އެ ޚިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. "އިމުގަ" ޕޯޓަލް މެދުވެރިކޮށް އީ ޕާސްޕޯޓަށް އެދުމުން ބުނަނީ އެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން "އިމުގާ" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ޕޯޓަަލަށް ނުވަދެވުނަސް، އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެއެވެ.

އޮންލައިންކޮށް 32 ސަފުހާގެ އާދައިގެ ޕާސްޕޯޓަށް ހުށަހަޅަން ހުޅުވާލާފައިވާ ނަމަވެސް 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ވަނީ ހުއްޓާލާފައެވެ.

ޕާސްޕޯޓް ހެދުމަށް ބުރޫއެރުމަކީ އާންމުކޮށް ޗުއްޓީއާ ދިމާކޮށް ދިމާވާ މައްސަލައެކެވެ. މި މައްސަލަ ވީހާވެސް އަވަހަށް ރަނގަޅުކޮށް ޚިދުމަތް ދިނުމަށް އިމިގްރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު