އުމްރާއަށް މީހުން ގެންދިޔުމުގައި އުސޫލާ ހިލާފަށް އަމަލު ކުރި ޖަމާއަތެެއްގައި މައްސަލަ ފުލުހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް "އެކްްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާ ހިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަމިއްލަ ޖަމާއަތްތަކުގައި އުމްރާއަށް ދާ ފަރާތްތަކުން، އެ ޖަމާއަތަކީ ރަސްމީ ހުއްދަ އޮތް ޖަމާއަތެއްތޯ ކަށަވަރު ކުރުމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެ ކުރިން އިލްތިމާސް ވެސް ކުރައްވާފައެވެ.

ޑރ. ޝަހީމް މިގޮތަށް އިލްތިމާސް ކުރެއްވީ އަލްމަޝްޢަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި މައްކާއަށް އޭރު ދިޔަ 50 އުމްރާވެރިން އެނބުރި ރާއްޖެ ނާދެވި ތާށިވުމާއި ގުޅިގެންނެވެ.

ހުއްދަ ދީފައިވާ ޖަމާއަތްތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ގެޒެޓުން ވެސް ފެންނަން ހުންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަލް މަޝަޢަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ބާތިލު ކުރިއެވެ. އެހެން ނަމަވެސް ޓްރެވެލް އެޖެންސީއެއްގެ ނަމަށް ބަދަލުކޮށް މިއަހަރުވެސް އެ ޖަމާއަތުން ވަނީ އުމްރާއަށް މީހުން ގެންގޮސްފައެވެ. މިއީ ހުއްދަ ބާތިލްކޮށްފައިވާ ޖަމާއަތެއްކަން މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަދުރު

    ހާލުގައި ޖެހިފައިވާ އުމްރާވެރިން ރާއްޖެގެނައުމަާް އެއްވެސް މަަސައްކަތެއް އެބަކުރޭތަ؟