ގއ. އަދި ހދ. ޖުޑިޝަލް ދާއިރާއަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާންކޮށްފިއެވެ.

ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަގާމުތަކަށް ކުރިމަތިލާ މީހުންނަކީ ގއ. އަދި ހދ. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން ގެންދާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މި މަގާމުގެ މުސާރައަކީ 28،350 ރުފިޔާއެވެ. އަދި މި މަގާމަށް ހޮވޭ ފަރާތަކަށް ހެލްތު އިންޝުއަރެންސާއި ފޯނު އެލެވެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ލިބޭނެ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން މިކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ 12:00 އާ ހަމަޔަށް ހުޅުވާލާފައިވާއިރު މި މަގާމަށް އެދި ޖޭއެސްސީގެ ފަހުރެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.

ހދ. ޖުޑިޝަލް ދާއިރާގެ މެޖިސްޓްރޭޓަކު ހޮވަން އިއުލާން ކޮށްފައިވާއިރު އެ މަގާމުގައި ހުންނެވި އަލީ އާދަމް މަގާމުން ވަކި ކުރީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އޭނާ މަގާމުން ވަކި ކުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާކަމާއި، އަދި އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ސާބިތުވެފައިވާ ކަމަށެވެ.

މި މައްސަލަތައް ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ، އެ ދެ މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި އެފަދަ މައްސަަލަތައް ބެލުމަށް، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިވަނީ މިރާއްޖޭގައި އަދުލު އިންސާފު ޤާއިމްވިޔެނާ ނުދޭންވެގެން ޖޭއެސްސީ ކިޔާތަނެއް ހަދައިގެން އެތަނަށް ސިޔާސީ ޗޯރުންވަދެ މުޅި ޖުޑިޝަރީ ސިޔާސީ ޖަގަހަޔަކަށް ހަދާފައި، މިމީހުން ބޭނުން މީހެއްގެ މައްޗަށް ހުކުމް ކުރެވޭގޮތަށް ، ސިޔާސީ ބޮޑު ޤަބީލާ ޕާޓީން ހުކުމް ކުރާ ގޮތަށް މިއޮތީ ޖުޑިޝަރީ ބައްޓަން ވެފައި ، މިކަން ބަދަލްވާން އެބަޖެހޭ !