ވ. ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

އެމްޓީސީސީން ބުނީ ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 16 އޭޕްރީލް 2024 ވަނަ ދުވަހު، މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ސާމާނުތައް ގެންގޮސްފައިވާ ކަމަށެވެ.

ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 16 އޭޕްރީލް 2024 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުން ފޮޓޯ: އެމްޓީސީސީ

40.57 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ތެރޭގައި ހިމެނެނީ:

  • 12,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 77 މީޓަރުގެ ބޭރުތޮށި ލުން
  • 482 މީޓަރުގެ ރިވެޓްމެންޓް ޖެހުން
  • 249.66 މީޓަރުގެ އެއްގަމުތޮށި ލުން
  • 1847 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ޖެހުން
  • 16 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުން
  • 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • ބަނދަރު ބައްތި ހަރުކުރުން
  • މޫރިންގ ބޯއީސް ހަރުކުރުން

ވ. ތިނަދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ބަލާނަމަ ކުޑަ އާބާދީއެއް އޮތް ރަށެއްކަމުގައި ވީނަމަވެސް، މި ރަށަކީ މިއަދު މުޅި ވ. އަތޮޅުގައިވެސް ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ރަށެވެ. ފަތުރުވެރިން އަންނަ އެންމެ ބާރުބޮޑު ސީޒަންތަކުގައި ތިނަދޫގެ އާބާދީއަށްވުރެ ފަތުރުވެރިންގެ އާބާދީ އިތުރުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން ރަށުގައި ރަޖިސްޓަރކޮށްގެން ހިންގާ 9 ގެސްޓްހައުސް ހުރިއިރު، މުޅިއަކު 300-250 ދެމެދުގެ އަދަދެއް ގާތްކުރާ ވަރަށް އެނދު މިހާރު ހުންނާނެކަމަށް ރަށު ކައުންސިލުން ލަފާކުރެއެވެ. މީގެ އިތުރުން، ފަރުމަސްވެރިކަމަކީވެސް މި ރަށު ރައްޔިތުން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ މަސައްކަތެކެވެ.

ގެސްޓްހައުސް ވިޔަފާރިއާއިއެކު، މި ރަށުގައި މުދާ އުފުލާ ދޯނިތަކާއި، ޑައިވިންގ ދޯނިފަހަރާއި ލޯންޗް އަދި ޑިންގީތައް ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އަދި ލޯކަލް ޓުއަރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ" އަދި އެކްސްކާރޝަންސްއަށް އޮތް ތަރުހީބުވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެހެންކަމުން، މި ރަށުގައި އޮތް ބަނދަރަކީ މިހާރު ރަށުގައި ފުޅާވަމުން އަންނަ އިގްތިސާދުގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ބަނދަރެއް ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. އަދި މި ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީވެސް ރަށުގެ ބަނދަރު ބޭނުންކުރުމުގައި އޮތް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމެވެ.

ކިޔުންތެރިންގެ ހިޔާލު