ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ވަގުތު 17:30 އާ ހަމައަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ "ވަގުތު" އަށް ވިދާޅުވީ ވޯޓްލާ ވަގުތު އިތުރު ކުރުމަށް ނިންމީ މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޖަލްސާގައި ކަމަށެވެ. އެގޮތުން ވޯޓްލާ ގަޑި ހެނދުނު 8:00 އިން ހަވީރު 17:30 އަށް އިތުރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ހަސަން ޒަކަރިއްޔާ އިތުރަށް ވިދާޅުވީ، އެގޮތަށް ކޮމިޝަނުން ނިންމާފައިވަނީ މޫސުމަށް ބެލުމަށްފަހު ވިއްސާރަ ވެދާނެތީ ނުވަތަ މާ ބޮޑަށް ހޫނު ގަދަވެދާނެތީ، ހަވީރަށް ވީހާވެސް ގިނަ ވަގުތު ދިނުމަށް ކަމަށެވެ.

މަޖިލީސް އިންތިހާބު އޮންނާނީ އެޕްރީލް 21 ވާ އާދީއްތަ ދުވަހުއެވެ. އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284،663 އަށް އަރައެވެ. އެއީ 145،302 ފިރިހެނުންނާއި، 284،663 އަންހެނުންނެވެ.

މަޖިލީސް އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓާއިރު، އެއީ މާލޭގައި 181 އަދި ހުޅުމާލޭގައި 51 އެވެ. އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގައި 319 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އިންތިހާބުގައި ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުންނާއި 43 އަންހެން ކެންޑިޑޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު