މިދިޔަ މާޗް މަހު 119 މީހަކަށް ޑެންގީ ހުން ޖެހުނު ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 119 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައިވާއިރު، ފެބްރުއަރީ މަހާ އަޅާބަލާ އިރު، މާޗް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވެއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗް މަހުގައި ރޯގާގެ ރިޕޯޓްތައް ވަނީ އިތުރުވެފައެވެ. ފެބްރުއަރީ މަހު 29،184 އަރިދަފުސް ރޯގާގެ ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ. އަދި މާޗް މަހު 33،637 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު އެ ބައްޔަށް 31 މީހަކު ވަނީ ފައްސިވެފައެވެ. އަދި މާޗް މަހު 26 މީހަކު އިންފްލުއެންޒާއަށް ވަނީ ފައްސިވެފައެވެ. މިއަހަރު މިހާތަނަށް 850 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އަދި 125 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ މަހާއި އަޅާބަލާއިރު މާޗް މަހުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މާޗް މަހު 5428 މީހަކު ބޭރަށް ހިންގައި ހޮޑު ލެވޭތީ ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި ފެބްރުއަރީ މަހު 5149 މީހަކު ޑޮކްޓަރަށް ދެއްކިއެވެ.

ކިޔުންތެރިންގެ ހިޔާލު