ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލުމަށް ފުލުހުން ރަށްތަކަށް ފުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، އިއްޔެ އިން ފެށިގެން ފުލުހުން ރަށްރަށް ފުރަން ފަށާފައިވާއިރު، އިއްޔެ މާލެއިން ފުރާފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުންނެވެ. އަދި ރޭ ފަތިހު މާލެއިން ފުރާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުންނެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ވަނީ ގާއިމުކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން "ބްލޫ ޓައިޑް 2024" ގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމެވެ.

 

ކިޔުންތެރިންގެ ހިޔާލު