ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އާ މެމްބަރުން މިއަދު އައްޔަންކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މަޖިލިހަށް އައްޔަން ކުރެއްވި މެމްބަރުންނަކީ ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. އަލީ ޒާހިރެވެ.

އެ ދެ ބޭފުޅުން އައްޔަން ކޮށްފައިވަނީ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖޭގެ ގައުމީ ޔުނިވަސީޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންގެ ތެރެއިން ކަމަަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް މިހާރު ހަމަޖެހިފައިވާ ގޮތަކީ:

  • ޑރ. މުހައްމަދު ރަޝީދު އިބްރާހީމް
  • ޑރ އަބްދުއްސައްތާރު އަބްދުއްރަހްމާނު
  • ޑރ މޫސާ އަންވަރު ހަސަން
  • ޑރ އަލީ ޒާހިރު
  • ޝެއިހް އިލްޔާސް ހުސެއިން

ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އެވެ.

ފަތުވާ މަޖިލީހުގައި ތިއްބަވަނީ މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކުރާ މެމްބަރަކާއި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރަކާއި އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އިތުރު ތިން މެންބަރުންގެ މައްޗަށެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައި ތިއްބަވަން ޖެހޭނީ އިސްލާމީ ފިގުހު ނުވަތަ ފިގުހު މުގާރަން ނުވަތަ އުސޫލުލް ފިގުހު ނުވަތަ އިސްލާމީ ޝަރީއާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-9 ގެ ސަނަދެއް އަރަބި އިސްލާމީ ޔުނިވަސިޓީއަކުން އަރަބިބަހުން ނުވަތަ އިނގިރޭސި ބަހުން ޙާޞިލުކޮށް އަދި އެ ދާއިރާއިން ދިވެހިރާއްޖޭގައި މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމަދު

    ދެރަ ކަމެއް. އިލްޔާސް ފަތުވާދޭގޮތް މުއިއްޒުއަށް ނޭގެނީތަ؟!!
    ތިއީ ދުއާ ދެއްވާ މީހާ،

    5
    3
  2. އއއ

    ފަތުވާގަ އޮންނަނީ އެންވަޔަރމަންޓްވެސް އޮންނަގޮތައް ސަރުކާރު ބޭނުންވީމަ ދިގު ރިޕޯޓެއްހަދާފަ ކުޅިވެސް ހިއްކޭނެ. ދިރުމެއް ނެތިގެން ނުދާނެ. ބެންކުތަކުން ރިބާވެސް ނުދޭނެ. ރަލާއޫރުމަހުގެ ވިޔަފާރި ހިގުމުން ދީނަކާ ނުބެހޭނެ.