ކާރިސާތަކުގައި ލިބޭ ގެއްލުންތަކުގައި ސަރުކާރުގެ ފަރާތުން ދޭ ފައިސާގެ އެހީގެ އަދަދު ބޮޑުކޮށްފިއެވެ.

އެ އަދަދު ބޮޑުކޮށްފައި ވަނީ ކާރިސާތަކުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމާ ބެހޭ ގޮތުން ގެޒެޓްކޮށްފައިވާ ގަވައިދުގައެވެ.

އެ ގަވައިދަކީ ކާރިސާއަކަށް އިޖާބަދިނުމުގައި އާއި އިއާދަވުމުގެ ހާލަތުގައި ފޯރުކޮށްދޭންޖެހޭ ރިލީފުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑު ބަޔާންކުރުމުގެ ގޮތުންނާއި ކާރިސާއެއްގައި އިޖާބަދިނުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ކާރިސާގައި ގެއްލުން ލިބޭ ފަރާތްތަކަށް މަލީ އެހީތެރިކަމާއި މާއްދީ އެހީތެރިކަމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ކަންކަން ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވައިދެއް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން ބުނެފައިވެއެވެ.

އެ ގަވައިދުގެ ދަށުން ގޭގެ ފުރާޅާއި ފަންގިފިލާ އާއި ބިންގަލާއި ފާރު ތަޅުމަށް ލިބޭ ގެއްލުމާއި ފަރުނީޗަރާއި ގޭގައި ހިފައިގެންގުޅޭ ތަކެތި ކަމަށްވާ ކައްކާއި ކެއިންބުއިމަށް ބޭނުންވާ ތަކެއްޗާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަރަންޓު ބޭނުންކުރެވޭ ތަކެއްޗާއި އެހެނިހެން ސާމާނަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސެސްމެންޓް ހަދާނެ ކަމަށް ބުނެފައިވެއެވެ.

އަދި ކާރިސާއެއްގެ ސަބަބުން ގޭގެ ފާހާނާކުރުމުގެ ނިޒާމާއި ފެންވެރުމުގެ ނިޒާމަށް ލިބޭ ގެއްލުމާއި ގޭގެ ކަރަންޓު ވިޔުގައި އާއި ބޯފެން ނިޒާމަށް ލިބޭ ގެއްލުންތައް ދެނެގަތުމަށް އެސެސްމެންޓް ހަދާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދުގައި ބުނެފައިވަނީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ އަގު 79،999.99 ރުފިޔާއަށް ވުރެ ދަށް ނަމަ، އެހީގެ ގޮތުގައި އޭގެ 75 އިންސައްތަ ދޭނެ ކަމަށެވެ. ކުރީގައި އޮންނަ ގޮތުންނަމަ އެހީގެ ގޮތުގައި ލިބޭނީ އޭގެ 20 އިންސައްތައެވެ.

އަދި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުން 80،000 ރުފިޔާއަށް ވުރެ އިތުރު ނަމަ އެހީގެ ގޮތުގައި 60،000 ރުފިޔާ ދޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. ކުރީގައި އެހީގެ ގޮތުގައި ދެނީ 16،000 ރުފިޔާއެވެ.

އޭގެ އިތުރުން ގަވައިދުގައި ބުނެފައިވަނީ ގޯތި ގެދޮރަށް ލިބޭ ގެއްލުމުގެ ތެރެއިން 149،999.99 ރުފިޔާއަށް އަށް ވުރެ ތަނަށް ލިބުނު ގެއްލުން ކުޑަނަމަ، އެހީގެ ގޮތުގައި 75 އިންސައްތަ ދޭނެ ކަމަށެވެ. އަދި ގޯތި ގެދޮރަށް ލިބުނު ގެއްލުމުގެ އަގު 150،000 ރުފިޔާއަށް ވުރެ ބޮޑުނަމަ 150،000 ރުފިޔާ ދޭނެއެވެ.

ހިފަައި ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތަކަށް ފައިސާ ދިނުމުގައި ގެއްލުން ވަޒަންކުރާނީ އެ ގޭގައި ދިރިއުޅޭ މީހުންގެ އަދަދަށް ރިޔާއަތްކޮށް ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. އަދި ގޭގައި ގެންގުޅޭ ޒަރޫރީ ތަކެތީގެ ތެރެއިން ހަލާކުވެފައި ނުވަތަ ނެތިގޮސްފައިވާ ތަކެއްޗަށް ވެސް ބަލާނެ ކަމަށް ބުނެފައިވެއެވެ. އެ ތަކެތީގެ އަގުކުރާނީ ބާޒާރުގައި އެ ތަކެތި ލިބެން ހުންނަ އަގުގެ މެދުމިންގަނޑުހެ މައްޗަށް ބިނާކޮށް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަވަށުމީހުން

    ތިހެން ޤަވާއިދުގައި ލިޔެފައި އޮތަސް އަހަރެމެންނަކަށް ނުލިބޭ ސުނާމީގައި ފްރިޖާއި ދޮންނަ މެޝިނާއި ޙަލާކްވީމަ ވެސް ބަދަލެއްްނުލިބޭ ބަޔަކު އައިސް ފޮތެއްގައި ލިޔުން އެވަގުތު ގޭގައި އުޅުނު ކޮންމެ މީހަކަށް 500ރ ދިން ތަކެތީގެ ބަދަލުގައި އެކައްޗެއްވެސް ނުދިން

  2. ޙެހެހ

    ތީ އެއްގޮތަކަށް ރަނގަޅު ނިންމުމެއްނޫން ، ސަބަބަކީ ތިހެން ވާނަމަ ރައްކާތެރިކަމަށް ބަލާމީހުން ، ޚާއްސަކޮށް ވިޔަފާރިކުރާ މީހުން ފަރުވާކުޑަވާނެ ، ގުދަން ގެންގުޅުމުގައި މާބޮޑު ސަމާލުކަމެއް ނުދޭނެ ، މިހާރުވެސް އެކިއެކި މަސައްކަތްކުރާ ޤަރާޖްތައް އެބަހުރި ގުދި ގޯޅިތަކުން ނޫނީ ގޭގެތެރެއިން ވަދެވޭގޮތަށް ގަރާޖް ހަދާފަ ، މީ ބިރުވެރި ނުރައްކާތެރިކަންކަން ، މިކަމުގައި އިސްމީހަކަށް ދިވެހިން ތިބިއިރު މަސައްކތްކުރަން އެތަނުގައި އުޅެނީ ބިދޭސީން ، އަދި ދިވެހިން ބިދޭޝީންނަށް އެތަށް ކުށްޔަށްދީފަވެސް އެބަހުރި

  3. ބޮލި މުލައް

    މީ ހަމައެކަނި މާލެއަށް އޮތްކަމެއް