ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަސް ހެދުމަށް، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނި، ޖަމިއްޔާ، ކޯޕަރޭޓިވްސް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ރަޖިސްޓްރީ ކުރަން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގައި ހިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މައުލޫމާތު އެއްކޮށް ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، ސެންސަސް ނެގުމުގައި ދަނޑުވެރިކަމުގައި (ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް، ވިޔަފާރި އުސޫލުން ކުދި ޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާ ފަރާތްތައް/ނާސަރީ ގެންގުޅޭ ފަރާތްތައް) ހަރަކާތްތެރިވާ ކުންފުނި، ޖަމިއްޔާ، ކޯޕަރޭޓިވްސް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގައި ހިމެނޭ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވެއެވެ.

ރަޖިސްޓްރީވުމަށް ފޯމް ފުރުއްވުމަށްފަހު މި މަހުގެ 30ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ފޯން ނަންބަރު 3339261، ނުވަތަ 3339263 އާ ގުޅުމަށް ވެސް ވަނީ އެދިފައެވެ.

ދަނޑުވެރިކަން ކުރިއަރުވަން ސެންސަސް ހެދުމަށް ތައްޔާރުވަމުންދާއިރު، ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15 މިލިޔަން ރުފިޔާގެ ސްކީމެއް ކުރިއަށްގެންދަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެ ސްކީމް ހާއްސަކޮށްފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ''ސެންސަސް'' އަކީ ކޯޗެއް؟