އުމްރާއަށް މީހުން ގެންދިޔުމަށް އަލްމަޝްޢަރު ކުންފުނިން މީހުންގެ އަތުން ފައިސާ ނަގަމުންދާތީ އެ މައްސަލަ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ފުލުހަށް ހުށަހަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލްމަޝްޢަރު ޓުއާރސް ނަމަކަށް ކިޔާ ކުންފުންޏަކުން، އެ ވުޒާރާއިން ދޫކުރާ ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި، ޢުމްރާއަށް މީހުން ގެންދާ ކަމަށެވެ.

އެގޮތުން އެ ކުންފުނިން ނަގަންޖެހޭ ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެގުމަށް އެ ވުޒާރާ އަށް ހުށަހަޅާފައިވާކަމަށް ދައްކައިގެން، އޮޅުވާލައިގެން ޢާންމު ރައްޔިތުން އަތުން ފައިސާނަގަމުންދާ ކަމަށާއި، މި އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ގެންދިޔަ ފަރާތްތަކަށްވެސް ރާއްޖެ ނާދެވިފައި ތިބި ކަމުގެ ޝަކުވާ އެ އެ ވުޒާރާ އަށް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މި މައްސަލަ މިހާރު ތަހުޤީޤު ކުރުމަށް ފުލުހަށް މިހާރު ފޮނުވާފައިވާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

"ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާއި، އެކަމަށް ފައިސާ ނެގުމަކީ މަނާކަމެއް، މަތީގައި ބަޔާންކޮށްފައިވާ “އަލްމަޝްއަރު ޓުއާރސް” މެނޭޖިންގ ޑިރެކްޓަރ އަލީ ފާރިޝްއަކީ މި މިނިސްޓްރީ ހުއްދަ ބާތިލުކޮށްފައިވާ “އަލްމަޝްއަރު ޙައްޖު އެންޑް ޢުމްރާ” ކުންފުނީގެވެސް މެނޭޖިން ޑިރެކްޓަރު، އެހެންކަމުން މި ކުންފުންޏަށް ނުވަތަ މީނާއަށް އެއްވެސް ފަރާތަކުން ޢުމްރާއަށް ދިއުމަށްޓަކައި ފައިސާ ނުދެއްކުމަށާއި، ޢުމްރާއާގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަން،". ބަޔާނުގައި ބުނެފައިވެއެވެ.

އަދި ހަމައެއާއެކު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާއިބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަނެތި ވިޔަފާރި އުސޫލުން ޢުމްރާއަށް މީހުން ނުގެންދިޔުމަށާއި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ޢުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަކީ އުސޫލާ ޚިލާފުކަމެއްކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އަދި މި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ ނަގާނީ، އެފަރާތަކުންކަންވެސް ވަނީ ބުނެފައެވެ.

ޢުމްރާގެ ޚިދުމަތް ދިނުމަށް އެ ވުޒާރާއިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އެ ވުޒާރާގެ ވެބްސައިޓްގައި ޢާންމުކުރެވިފައިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމްޑީޕީ

    އޭނަގެ ފޮޓޯ ޖަހާލިނަމަ

  2. މަކަރު

    ތިޔަކަލޭގެ ހަށްޔަރުކޮށް އުމުރައް ޖަލަށް ލާންޖެހޭ ތިޔަފޭރިގަތީ ރަށްޔަތުންގެ ފައިސާ ވަތްދޮރުން ނުނެއްލާތި ޕުލީޒު.......ޕުލީޒު.