ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސިފައިންގެ ވަޒިފާއިން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ރިޓަޔާ ކުރައްވާފައިވަނީ 39 އަހަރުގެ އިހްލާސްތެރި ހިދުމަތަށްފަހު، އުމުރުން 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ.

ސިފައިންގެ މައިމަރުކަޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަށް، ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައިވެއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި، އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އާ ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު، މުހައްމަދު ޣައްސާން މައުމޫންއެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަހީމް އާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

ފެބުރުވަރީ 18 1985 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމްގެ ދިގު މުއްދަތުގެ ހިދުމަތާ ގުޅޭގޮތުން ރޭގެ ރަސްމިއްޔާތުގައި ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ. ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ.

މީގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކޮށްދެއްވާފައިވާ އިހުލާސްތެރި އަގުހުރި ހިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު، އެމްއެންޑީއެފްގެ ވަރަށްގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ. އެގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަގާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު އަދާކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަމަލު

    ޝުކުރިއްޔާ ޖެނެރަލް މިގައުމަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކަށް.

    25
    6
  2. ޢައިޝަތު

    ކޮބާ ޕެންޓްހައުސް

    8
    1
    • ކިޔުންތެރިއެއް

      ތިއެންމެން ޗޯރޭ ވެރިކަމުގަ ފުލޯޕުލޭނަށް ބަދަލުގެނެސް ޕެންޓްހައުސްތައް ދަމައިގަތޭ.

  3. ރާގިބް

    ސިޔާސީ ނުވުމަށް އެދެން. ޝުކުރިއްޔާ ދިވެހި ގައުމަށް ތިޔަކޮށްދެއްވި އަގުހުރި ޙިދުމަތަށް. ޢުފާވެރި ފާގަތިދުވަސް ތަކެއް މިންވަރު ކުރަށްވާށި.

    18
    4
  4. ޢަލީ

    ސިޔާސީ ނުވުމަށް އެދެން. ޝުކުރިއްޔާ ދިވެހި ގައުމަށް ތިޔަކޮށްދެއްވި އަގުހުރި ޙިދުމަތަށް. ޢުފާވެރި ފާގަތިދުވަސް ތަކެއް މިންވަރު ކުރަށްވާށި.

    13
    4
  5. އަލީ

    ގައުމުގެ ޑިފެންސް އަމިއްލަ ފައިމައްޗަށް ތެދުނުކުރެވުނު.

    7
    4
  6. ޙެހެހ

    ޙުރިހާ މޮޅެއް ހިފާގެން ދަނީތޯ ، ގެ ލިބުނު ، މަޤާމް ލިބުނު ، ބޮޑު މުސާރަ ލިބުނު ، ރިޓަޔަރ އެލަވަންސް ބޮޑުކޮށް ލިބުނު

    7
    2