ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައިޝަތު އުމައިމާ އައްޔަންކޮށްފިއެވެ.

އުމައިމާއަށް މަރުހަބާ ދަންނަވައި އެ މިނިސްޓްރީން ވަނީ ޕޯސްޓެއްކޮށްފައެވެ. މިއީ ފިނޭންސް މިނިސްޓްރީއަށް އައްޔަނުކުރި ހަތް ވަނަ ޑެޕިއުޓީ މިނިސްޓަރެވެ. މި މިނިސްޓްރީގައި ވަޒީރުގެ އިތުރުން, މިނިސްޓަރު ފެންވަރުގައި ދެ އެޑްވައިޒަރުންވެސް އައްޔަނުކޮށްފައިވެއެވެ. އަދި މަތީފަޑީފައި މިނިސްޓަރު ފެންވަރުގެ ތިން ބޭފުޅުންނާއި, ސްޓޭޓް މިނިސްޓަރު ފެންވަރުގެ ހަތަރު ބޭފުޅުން އަދި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅުން މިހާރު ތިއްބަވައެވެ.

މީގެ އިތުރުން, ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ވެސް އެ މިނިސްޓްރީގައި ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައި އެބަތިއްބެވެ.

މިދިޔަ ފެބްރުއަރީމަހު ފިނޭންސް މިނިސްޓްރީން އާންމު ކުރި ސާކިއުލާގައިވާ ގޮތުން ސަރުކާރުގެ އިދާރާއަކުން އާ މުވައްޒަފެއް ނަގާ ނަމަ އެންމެ ފުރަތަމަ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި މުވައްޒަފުންގެ މުސާރައަށް ބަދަލު ނުގެނައުމަށާއި މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އިތުރު އާ އެލަވަންސެއް ނުދޭން މިނިސްޓްރީން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފައެވެ. އަދި ހަމައެއާއެކު މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށް ވެސް ވަނީ އެދިފައެވެ. ރަސްމީ ގަޑީގެ އިތުރުން އިތުރު ގަޑީގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު މަސައްކަތެއް ނުކުރުމަށް ވެސް ސާކިއުލާގައި ވަނީ އަންގާފައެވެ.

މި ހުރިހާ ފިޔަވަޅެއް އަޅާފައިވަނީ ސަރުކާރުގެ ހަރަދުުތައް ކުޑަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު