ށ. ކޮމަންޑޫ އާއި ތ. ގުރައިދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ސާވޭ ހެދުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

ބިނާރާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިިވަނީ ކޮމަންޑޫ އެއާޕޯޓް ތަރައްގީ ކުރުމަށް ސާވޭ ހެދުމާއި ޑިޒައިން ކުރުމާއި އަދި އީއައިއޭ ހެދުމަށް މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފައިވާނެ ކަމަށެވެ.

‏އެ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

‏އެ ވުޒާރާއިން ބުނީ އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ⁦‪އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުޙީ އާދަމް ކަމަށެވެ.

އަދި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާން އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ މިއަދު ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް ވެސް އެމްޓީސިސީއާއި ހަވާލުކުރި ކަމަށެވެ. އެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ކަމަށެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ގުރައިދޫ ކައުންސިލް ގެ ރައީސް އަލީ ރަޝީދު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ވުޒާރާއިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު