ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ފޭކް ލިސްޓެއް ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއިން) ބުނެފިއެވެ.

އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންގެންދާ ލިސްޓަކީ އެ ކޮމިޝަނުގެ ލިސްޓެއް ނޫންކަން ބެލިބެލުމުންވަނީ އެނގިފައި ކަމަށެވެ.

އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ ކޮމިޝަނުން ބަލައި އަަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭސީސީއިން ބުނެފައިވެއެވެ.

އޭސީސީއިން ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނުންގެ އެއްވެސް މަސައްކަތަށް އެއްވެސްް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އަދި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ވެސް ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެއީ މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރާ މެދު ނަފުރަތު އުފައްދަން ފަތުރާ ލިސްޓެއް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

"މިއީ އިންތިހާބާ ދިމާކޮށް ސަރުކާރާމެދު ނަފުރަތު އުފައްދަން ފަތުރަމުންދާ ލިސްޓެއް. މިއީ ހަގީގަތެއް ނޫން." އޭނާ ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ފްލެޓު ލިބޭނެ ކަމަށް ނިންމާފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ އެއްވެސް މީހެއްގެ ނަމެއް މިހާތަނަށް އުނިކޮށްފައި ނުވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު