އެއަރ އެމްބިއުލާންސްގެ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ މަތިންދާ ބޯޓާއި ސީޕްލޭންގެ އިތުރަށް މިއަހަރު ހެލިކޮޕްޓަރު އިތުރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއަރ އެމްބިއުލާންސްގެ ފްލީޓު ބޮޑުކުރާނެ ކަމަށެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން އެއަރ އެމްބިއުލާންސްގެ ފްލީޓަށް ހެލިކޮޕްޓަރު އިތުރުކުރުމަށް މެޑިކަލް އިވަކުއޭޝަނަށް ހާއްސަ ހެލިކޮޕްޓަރު ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު މަތިންދާ ބޯޓުވެސް އެކަމަށް ހާއްސަކުރުމަށް ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރު ވާ ކަމަށެވެ.

"މީގެ ކުރިން ބަލިވެއްޖެއްޔާ ބޭރުގެ އެހީިއަށް މިއެދެންޖެހެނީ. އެކަމަކު މިހާރު އަމިއްލައަށް ކުރެވޭނެ މަގު ފަހިކުރެވިފަ މިވަނީ އަޅުގަނޑުމެންނަށް. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ މަގުމަތީގަ މިވަނީ. މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް.". އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.

އެއަރ އެމްބިއުލާންސް ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މި ހިދުމަތް ފޯރުކޮށްދެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭނީ ސިއްހީ ވުޒާރާ އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާ ގުޅިގެންނެވެ.

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ޑޭޝް8ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެއެވެ. އެއަރ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ. މީގެ އިތުރުން އެއަރ އެމްބިއުލާންސްގެ ގޮތުގައި މިހާރު ސީޕްލޭނެއްވެސް ބޭނުން ކުރަމުން ދެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަވަރުނަރު

    މާޝާﷲ ވަރަށް ރަނގަޅު ނިންމުމެއް.