ރ. ދުވާފަރު ދާއިރާގެ ހުރިހާ ފޮށިތަކެއް އަލުން ގުނައި ދިނުމަށް އެ ދާއިރާއަށްް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާން އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ އިންތިހާބުގެ ދުވާފަރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓުގެ ތަފާތުން އެ ދާއިރާ ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. މުހައްމަދު އަލީއަކީ ކުރިން އެ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން މުހައްމަދު އަލީއަށް ލިބިވަޑައިގަތީ 1074 ވޯޓެވެެ. އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބިވަޑައިގަތަކީ 1070 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި އުޅެނީ އެންމެ ހަތަރު ވޯޓުގެ ތަފާތެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ހަސަން ޒަކަރިއްޔާ މިއަދު "ވަގުތު" އަށް ވިދާޅުވީ އިބްރާހިމް އަބްދުއްރަހްމާން ދުވާފަރު ދާއިރާގެ ފޮށި އަލުން ގުނައި ދިނުމަށް އެދިވަޑައިގެންފައިވާއިރު އެކަމާ މެދު އީސީން މިއަދު ގޮތެއް ނިންމަވާނެ ކަމަށެވެ. ދުވާފަރު ދާއިރާއަށް ޖުމްލަ 4 ކެންޑިޑޭޓުން ވާދަކުރިއެވެ.

ޒަކަރިއްޔާ ވިދާޅުވީ ދުވާފަރު ދާއިރާގެ އެއްވެސް ވޯޓު ފޮއްޓެއްގެ ކައިރީގައި މައްސަލައެއް ޖެހިގެން އުޅޭ ކަން މީޑިއާ އިންނާއި އެ ނޫން ގޮތް ގޮތުން ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންވެ، ވޯޓު ގުނަން ބޭނުންވީ ފަރަގު ވަރަށް ކުޑަވީމަ ކަމަށްވުން ގާތް ކަމަށް އޭނާ ވިދާޅުވިއެވެ.

ގދ. ތިނަދޫ ދާއިރާގެ ގައުމީ ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓި ފަސް ނަންބަރު ވޯޓް ފޮށި އަލުން ގުނުމަށް އެދި ޕީއެންސީ ކެނޑިޑޭޓް އަބްދުﷲ ޝަރީފު ވެސް އީސީއަށް ހުށަހެޅުއްވިއެވެ. ނަމަވެސް ގދ. ތިނަދޫ ސިޓީގެ ފަސް ނަންބަރު ވޯޓު ފޮށި އަލުން ގުނަންޖެހޭ ހާލަތެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމްދު

    އިޔެވެސް މީހަކު ގުނާދޭން އެދުނީމަ ނުގުނާދީ. ދެން ގުނަން ހުއްދަދީ ފިއްޔާ އެންމެނައް ވެސް އެއްގޮތް އޮންނަން ޖެހޭނީ. އަދި އެއްވެސް މައްސަލައެއް ގުނި އިރުގަޔާ ގުނާ ނިމުނުފަހުން ނެތް. ހަމަ އެކަނި 4 ވޯޓް ތަފާތުވީޔޭ ކިޔާފަ ގުނިޔަސް ކުރިން އެދުނު މީހާގެ ފޮށިތައް ވެސް ގުނާ ދޭންޖެހޭނެ

    3
    1