ކައުންސިލްތަކުން ހުށަހަޅުއްވާ ކަންތައްތައް ކުރިއަށް ގެންދެވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތަށް މަގުފަހިކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ސަރުކާރު ތެރެއިން ހަމަޖައްސަވަމުން ގެންދަވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް މިހެން ވިދާޅުވީ، އެލްޖީއޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން މި މަހުގެ 24 އިން 25 އަށް ހދ. ހަނިމާދޫގައި ކުރިއަށް ގެންދަވާ މަހާސިންތާ ފަނޯއްލަ ދަރުބާރު އިފްތިތާޙް ކުރުމުގެ ގޮތުން ހދ. ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކައުންސިލްތަކުން ކަންބޮޑުވުން ހުށަހެޅުއްވީމަ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވާ! އެއާ އެއްގޮތަށް ވިސްނުންފުޅު ބަދަލުކުރައްވާ! އަދި ކަންކަން ކުރެއްވުމަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާކަން އެއީ މި ނިޒާމް ރައީސް މުއްޒުގެ ޒައަމަތުގައި އިތުރަށް ހަރުދަނާ ވެގެންދާނެކަމުގެ ވަރަށް ބޮޑަށް އުއްމީދެއް،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރަށް މިވީ ހަތަރު މަސްތެރޭގައި 170އަށް ވުރެ ގިނަ ކައުންސިލް ބައްދަލުކުރައްވައި، އެ ކައުންސިލްތަކަށް ދިމާވެފައިވާ އެކިއެކި ކަންކަމާގުޅޭ ހައްލުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވާ ކަމާށެވެ.

ވަޒީރު އާދަމް އިތުރަށް ވިދާޅުވީ މިފެށޭ ފަނޯއްލަ ދަރުބާރުގައި ކައުންސިލްތައް ބާރުވެރިކުރުމާއި، ހިންގުމުގައި މިއަދު ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމުގައި ކައުންސިލަރުންގެ މަޝްވަރާ އާއިއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރިވެގެންދާނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"މިބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި ހިޔާލުފުޅުތައް އެއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަސައްކަތްތަކެއް. އަޅުގަނޑުމެން އުއްމީދު ކުރަނީ ބިނާކުރަނިވި ހިޔާލުތަކާއިއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް،". ވަޒީރު ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރު ހދ. ހަނިމާދޫގައި މިމަހުގެ ފަންސަވީހުގެ ނިޔަލަށް ކުރިއަށް ދާއިރު، ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ ކައުންސިލަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ބައެއް ކައުންސިލަރުން ބައިވެރިވެލައްވައެވެ.