ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެނަކާއި ފިރިހެނެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މަސްތުވާތެކި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މި މަހުގެ 26 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި އަންހެނެކާއި 26 އަހަރުގެ ފިރިހެނެކެވެ.

އެ ދެ މީހުންގެ މުއްދަތު ޖެހުމަށް މި މަހުގެ 27 ވަނަ ދުވަހު ހާޒިރުކުރުމުން އަންހެން މީހާއަށް 10 ދުވަސް ޖަހާފައި ވެއެވެ. އަދި ފިރިހެން މީހާއަށް ޖަހާފައިވަނީ 15 ދުވަހެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާކަމަށް ބެލެވޭތީ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

އެގޮތުން އެ ދެ މީހުން އުޅޭ އެޕާޓްމެންޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއް ތަކެއްޗާއި ބަނގުރާފުޅިއެއް ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އަމުރުގައި ބުނެފައިވަނީ ސިޓިންރޫމްގައި ހާމައަށް ފެންނަ ގޮތަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށާއި އެތަނުން ފެނުނު ވޮލެޓެއްގެ ތެރެއިން ތުހުމަތުކުރެވޭ ދެ ފަރާތުން އައިޑީ ކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އަދި އެޕާޓްމެންޓްގެ ކޮޓަރިއެއްގެ އަލަމާރި ބަލާ ފާސްކޮށް ނެގި ބެކްޕެކް ދަބަހުން 900 ރަބަރު ޕެކެޓާއި އެ އަލާމާރީގެ ޑްރޯވާއެއްގެ ތެރެއިން ޑިޖިޓަލް ކައްޓާއަކާއި 33 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ އަލަމާރީގެ ތެރެއިން އެ ދެ މީހުންގެ އަންނައުނާއި ލިޔެކިޔުންތައް ފެނިފައިވާ ކަމަށް އަމްރުގައިވެއެވެ.