މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދައްކައި ބެކްލޮކް ކްލިއާ ކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދާ "އަހާ" ފޯރަމްގައި މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާއާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހާއި ހަމައަށް މަސްވެރިންނަށް ނުދެއްކި 250 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހުރި ކަމަށެވެ.

"އަހާ" ފޯރަމްގައި ވަޒީރު ޝިޔާމް ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: އަހްމަދު މަމަދޫހް

އިންތިހާބު ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު މަހުގެ އަގަށް ބަދަލު ގެނަ އޭރުގެ ސަރުކާރުން. މަހުގެ އަގު 17 ރުފުޔާއަށް ހުށްޓައި 25 ރުފިޔާއަށް މަހުގެ އަގު ބަދަލުކޮށްފައިވަނީ. އެ ބަދަލާއިއެކު އޭގެ ފަހުން މަސްވެރިންނަށް ފައިސާ ނުދެވި އޮތް އަދަދު އެއީ."، ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ކުއްލިއަކަށް އެ ފައިސާ ދައްކަން ސަރުކާރަށް އުނދަގޫވި ކަމަށެވެ. ނަމަވެސް ނިމިދިޔަ ރޯދަ މަހުގެ ކުރިން އެ ފައިސާ ދައްކާ ހަލާ ކުރެއްވުމަށް ރައީސް ބޭނުންފުޅުވި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން 17 ނޮވެމްބަރުން ފެށިގެން އެ ފައިސާ ސަރުކާރަށް ދެއްކޭ ވަރަކުން ދައްކަމުން ދިޔަ ކަމަށާއި، ރޯދަ މަހުގެ ކުރިން ބެކްލޮގް އެއްކޮށް ކްލިއާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަހާ" ފޯރަމްގައި ވަޒީރު ޝިޔާމް ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: އަހްމަދު މަމަދޫހް

"ރައީސް ޒައާމަތާއި ހަވާލުވެވަޑައިގެން ފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ މިއަދާ ހަމައަށް ދެއްކިއްޖެ. 27 މިލިއަން ރުފިޔާ އެބައޮތް ޑިއު. މަސްވެރިން ރަނގަޅަށް މަސްބާނަ ކަމަށްވާނަމަ އެ ދުވަހުން ދުވަހަށް ފައިސާ ނުދެއްކޭނަމަ ހުންނާނެ ފައިސާ. އެހެން ނަމަވެސް މި މުސާރަ މި މަހު ނިންމާފަ މިފްކޯއިން ދައްކާނެ.". ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.