ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިޔަށް އޮތް 3 އަހަރުތެރޭ ހައްލުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމް "އަހާ" ގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހިންމަފުށީގައި ފާށާނެކަމަށާއި ތިން އަހަރުތެރޭ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ސިސްޓަމުގެ ތެރެއަށް ގެންނާނެ ކަމަށެވެ.

"ހާއްސަކޮށް އަންސްކިލްޑް ލޭބަރ މިކިޔާ ކެޓަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި ހުރި ވޯކް ޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރަނީ. މީގެތެރެއިން ބައެއް މީހުންނަކީ މީގެ ރެކޯޑްތަކުގައިވެސް ނެތް މީހުން. އެހެންވީމަ މިމީހުން މި ރެކޯޑްތެރެއަށް ނަގާފައި، މިވަގުތު ގަވައިދާ ހިލާފުވެފައި ތިބީ ކޮންބައެއްތޯ އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ، ނުވަތަ އެއްވެސް މީހެއްގެ ބެލުމުގައި ދަށުގައި ނޫންތޯ، އެމީހުން ސިސްޓަމްގެ ތެރެއަށް ވައްދަން މި ފަށަނީ." އިހްސާން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޒަމާނުންސުރެ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. ބިދޭސީން ގަވައިދަށް ފެއްތުމަށް މުޅި ރާއްޖޭގައި ހިންގާ ޕްރޮގުރާމުގައި މަސައްކަތް ކުރިޔަށް ގެންދާނީ ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެންކަމަށް އިހްސާން ވިދާޅުވިއެވެ.

"އެމީހުން ދައުލަތުގެ ބެލުމުގެ ދަށުން ނަގާފައި އެ ގައުމަކާއި ގުޅޭ އެމްބަސީއާ ގުޅިގެން އައިޑީ ކުރުމުގެ މަސައްކަތް ކުރާނީ. ކޮށްފަ ވީ އެންމެ އަވަހަކަށް ޓްރޭވަލް ޑޮކިއުމެންޓެއް ވަގުތީ އެއްޗެއް ނަމަވެސް ހަދާފައި އެމީހަކު ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. މި ޕްރޮސެސްއަކީ އެކީ ޖުމްލަ އަޅުގަނޑުމެން މިބަލަނީ ކުރިޔަށް އޮތް 3 އަހަރުތެރޭގައި މުޅި ޕްރޮސެސް ނިންމުން. " އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ ރާއްޖޭގައި އަންސްކިލްޑް ލޭބާރ ޑިމާންޑު މިހާރަށްވުރެ ކުރިޔަށްއޮތްތަނުގައި ބޮޑުވާނެ ކަމަށާއި މި ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ ގިނަ ޕްރޮޖެކްޓުތަކަށް ލޭބަރުން ބޭނުންވާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް އެބަކުރަން ފުލީ އައިޓީ ޑިޕެންޑެންޓް ސިސްޓަމެއްގެ ތެރޭ މީހުން ގެންނަން." އިހުސާން ވިދާޅުވިއެވެ.

މިގޮތަށް ސިސްޓަމުގެ ތެރެއިން މީހުން ގެނައުމުން ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނުތިބޭނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    ތިކަހަލަ ކިތައް 3 އަހަރު!

    9
    1
  2. ކައްދަ

    އިރާދަކުރެއްވީޔާ ތިޔަ މަސައްކަތުގާ ބަރަކާތް ލައްވަވާނެ.

  3. އަލިބެ

    އިހްސާން ކޮއްކޯ ތިޔަ ކަމެއް ނުވާނެ...... އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް

    1
    1