ޖިނާއީ ކޯޓެއްގެ ހުކުމެއްގައި ނޫން ގޮތަކަށް އެއްވެސް ރައްޔިތަކު ޖަލުގައި ބެހެއްޓުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރުންނާ ސުވާލު ކުރުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމު ފަރާތަކުން ކުރިސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވީ "ވާނުވާ"ގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި ޖިނާއީ މުޅި އަދުލުގެ ނިޒާމު ލަސްވާ ލަސްވުމަކީ އޭގެ އެންމެ ބޮޑު މައްސަލަ ކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

"މި ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއްދޭ މައްސަލައެއް "ވާނުވާ"ގެ މައްސަލަ އަވަހަށް ހައްލުކުރުން. އެގޮތުން މިއަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އަޅުގަނޑުމެން ސަރުކާރާއި ހަވާލުވެގެން ވަރަށް ބޮޑަށް ބަލައިފިން މި މައްސަލައިގެ އަސްލަކީ ކޮބައިތޯ. މި މައްސަލައިގެ އަސްލަށް ބަލާއިރު ފުރަތަމަ ޖިނާއީ މުޅި އަދުލުގެ ނިޒާމު ލަސްވާ ލަސްވުން މީ އެންމެ ބޮޑު މައްސަލައަކީ،". އިހުސާން ވިދާޅުވިއެވެ.

ވަޒީރުންގެ އަހާ ފޯރަމް — ވަގުތު އިމޭޖަސް : އަހްމަދު މަމްދޫހް

"ވާނުވާ" ކިޔަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ނުވަތަ ތަހުޤީގު ނިމެންދެން ބަންދުގައި ތިބޭ މީހުންނަށެވެ.

އިހުސާން ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި ބަހައްޓައިގެން ތަހުޤީގު ހިންގައި ހުކުމެއް ނެތި "ވާނުވާ"ގައި ބެހެއްޓުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި ޖަލުގައި "ވާނުވާ" ޖަހާފައި ތިބި ހުރިހާ މީހުންނަށް އަވަސް ނިޔާއެއް ލިބި ސަލާމަތްކުރަން ޖެހޭ މީހުން ސަލާމަތްކުރެވިގެންދާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

"ހުކުމެއްގައި ނޫން ގޮތަކަށް މީހަކު ޖަލުގެ ތޭރިތަކުގެ ތެރޭގައި ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން އެކަން މުޅިން ހުއްޓާލާނަން.". އިހުސާން ވިދާޅުވިއެވެ.

އެހިސާބުން ވާނުވާގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ވަޒީރުންގެ އަހާ ފޯރަމް — ވަގުތު އިމޭޖަސް : އަހްމަދު މަމްދޫހް

އަދި ހަމައެއާއެކު ޤާނުނުތަކުގެ ތެރެއިން ވަކިން ހާއްސަކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ޤާނޫނުގެ ތެރެއިން ލިބިދާނެ ހައްލުތައް އެޓާނީ ޖެނެރަލް އޮފީހުން މިހާރުވެސް ހޯދަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ޝަރީއަތްތައް އަވަސްކުރުމަށް ޕީޖީ އާއި ކޯޓުތަކާއެކުގައި އޭޖީ އޮފީހުން މަޝްވަރާތައްކޮށް އެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާރުވާނެ ވާނުވާގައި އެންމެ ގިނަ ދިވަސްވީ ފަރާތްތަކުގެ މައްސަލަތައް ހިމެނޭ މައްސަލަތަކުގެ ލިސްޓެއް އަރުވާފައި. މި މައްސަލަތައް އަވަސްކޮށްދިނުމަށް އެދި ޕީޖީއަށްވެސް އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުން ކޯޓުތަކަށްވެސް މިހާރު އެ ލިސްޓު ވާނީ ފޯރުކޮށްދެވިފައި،". އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ ވާނުވާގައި 4 ނުވަތަ 5 އަހަރު ޖަލުގައި ތިބި މީހުންވެސް އެބަތިބި ކަމަށާއި މިއީ ޤާނޫނީ ދައުލަތެއް ހިނގާ ތަނެއްގައި ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮޑުބެ

    ހުކުން ކުރިޔަސް ގޭގަ

    3
    2
  2. ފަޑޭ

    ކޯޓުތަކުގެެ ސުލޯޯ ކަމުންް ރައްޔިތުންވަނީީ ހަނާާ.

  3. ވ. އަވަސް

    "ހުކުމެއްގައި ނޫން ގޮތަކަށް މީހަކު ޖަލުގައި ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން " މިހެން ނޭވަޔަކު ތިންހަތަރުފަހަރު ކިޔަކަސް ނުފުދޭ ، ޕީޖީ ވެސް ތިހެން ކިޔާ އެކަމު އަމަލީސިފައެއް ނުގެނެވޭ ، ވަކިބަޔަކު ކުށުގެ މާހައުލުން އެއްކާއެކު ހަޔަރުކުރިޔަސް ދޫކޮއްލާ ނިކަމެތި ގޮތެއްނެއް މީހާ ނުވަތަ މީހާ ގެ ދަރި ފުލުން ، ޕީޖީ އަދި ފަނޑިޔާރު ގެޔަށް ވާނުވާނޭނގިގެން އުމުރުދުވަހު ޖަލުގައި ތިބެން ޖެހިފަމިވަނީ ، ޕެރޯލް ގެ ދަށުން ވެސް ޒުވާނުންނަށް އަލުން މުޖުތަމައުގައި ބެނުން ހިފޭބަޔަކަށް އެދުމަށް އަސްކަންދޭން އެބަޖެހޭ ، ވާހަކަ މަދުކޮށް ، އަވަސް ހަރަކާތް ، ވަރަށް އަވަސް ހަރަކާތް އެބަބޭނުންވޭ މިގައުމަށް،

  4. ޖޯކަރު

    މިނިސްޓަރު ކަމަށް އެރިއިރު ބުނި ތިމައްސަލަ ވަގުތުން ހައްލުކުރާނަމޭ. ހަމަސްވީ. އަދި ހަމް އަންނަނީ އަންނަނީ ގަ؟ ލޮލް

  5. ކިޔު

    އެކަމަކު ގާނޫނު އޮތީ ތިޔަ ގޮތަކަށް ނޫން.