އަނިޔާވެރި ގޮތަކަށް މަަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަންނަ ހަފުތާގައި އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ތޫނު އެއްޗެހި ހިފައިގެން އައި ގްރޫޕަކަށް ފިލަން ވެގެން އޭނާ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަނުމުން އެތާ ތެރޭގައެވެ.

މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ އަނަސް މަރުގެ މައްސަލަ އަންނަ މަހުގެ ހަވަނަ ދުވަސް ނުވަތަ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކުރީ، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގަށެވެ.

މީގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ މީހުންނަކީ:

ޖުނައިހު އަބްދުﷲ
ހަސަން މަހްފޫޒް
މުހައްމަދު ޝާޒް
ސިމާހް މޫސާ

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި މީހުންނަކީ:

އަހްމަދު ޒަޔާން
އުސްމާން ޝަރީފް
އަފްރާހު އަބްދުއްރައްޒާގް

އެ މީހުންގެ ތެރެއިން މަހުފޫޒު ދޫކޮށްލާފައި ވަނިކޮށް، ފުލުހުން ކަނޑުމަތިން ހިންގި އޮޕަރޭޝަނެއްގައި މީގެ ކުރިން ވަނީ ހައްޔަރުކޮށްފައެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ބަނގުރާފުޅި އަތުލައިގެންފައެވެ. އެހެންނަމަވެސް، މ. މުލީ ކޯޓުން ވަނީ ޝަތުރުކުރުމަށްފަހު މަހުފޫޒު ދޫކޮށްލައިފައެވެ.

އަނަސް އަށް އިންސާފެއް ނުލިބުނު، ތުހުމަތު ކުރި މީހުން މިނިވަން ވެއްޖެ