ރަލާއި ޑްރަގް އަދި ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް ހާއްސަ ޓެލެގްރާމް ޗެނަލްތަކެއް ފުލުހުން ހުއްޓުވި ނަމަވެސް، އެފަދަ ގިނަ އަދަދެއްގެ އެހެން ޕޭޖުތައް ވެސް ހިންގަމުންދާކަން އެނގިއްޖެއެވެ.

ދާދި މިދާކަށްދުވަހު ފުލުހުން ވަނީ ޓެލެގްރާމް ޗެނަލެއް މެދުވެރިކޮށް ހަށިވިއްކުމުގެ ބޮޑު ނެޓުވޯކެއް އަތުލައިގެއް ވާހަކަ އާންމުކޮށްފައެވެ. "ޖަޒީރާ އެމްވީ"ގެ ނަމުގައި ހިންގި މިލިއަން ރުފިޔާގެ އެ ވިޔަފާރީގައި ހަށިވިއްކަން އެހީވުމަށް ޓެކްސީ ޑުރައިވަރަކުވެސް ޝާމިލްވި އިރު އެ ޕޭޖު މެދުވެރިކޮށް ވެސް ޑްރަގާއި ރާ ވިއްކި އެވެ.

އިއްޔެވެސް ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމެންޓުން ވަނީ އެފަދަ ޓެލެގްރާމް ގުރޫޕެއް ހުއްޓުވައިފައެވެ. "ކޯލް ގާލްސް"ގެ ނަމުގައި ހިންގި އެ ޓެލެގުރާމް ގުރޫޕަކީވެސް ހަށި ވިއްކުމުގެ ވިޔަފާރި އިޝްތިހާރުކުރާ ގުރޫޕެކެވެ. އެކަމާ ގުޅިގެން ބަޔަކު ނުވަތަ މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައިނުވެއެވެ.

މިފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ އެތައް ޗެނަލެއް ރާއްޖޭގައި ހިންގަމުންދެއެވެ. ބައެއް ޗެނަލްތައް ހުއްޓުވާއިރު، އަނެއްކާވެސް ބެކްއަޕް ޗެނަލް ހަދައިގެންވެސް އެކަން ދަނީ ކުރަމުންނެވެ.

ބައެއް ޗެނަލްތައް ހިންގަނީ ކުށް ކުރުމަށް މަގުފަހި ކުރަން އިސްތިހާރު ޖަހާ ތަންތަނުގެ ގޮތުގައެވެ. އަނެއްބައި ޗެނަލްތަކަކީ ވަކި ކަމަކަށް ހާއްސަކޮށްގެން ހަދާފައިވާ ޗެނަލްތަކެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި، ރާ ވިއްކައި ވިޔަފާރިކޮށް އެތަކެތި ގެއާ ހަމަޔަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްދޭ ޓެލެގުރާމް ގުރޫޕެއްވެސް ހިންގަމުންދެއެވެ. "ލިކާ ސްޓޯ އެމްވީ"ގެ ނަމުގައި ހިންގާ އެ ޗެނަލުން ކޮށްފައިވާ އިސްތިހާރުގައި ވަނީ "ރައްކާތެރިކަމާއެކު ރާފުޅި ފިހާރައިން ގެއަށް ޑެލިވާކޮށްދޭނެ" ކަމަށެވެ. އަދި އެއީ ރަލުގެ އެއްވަނަ ރީޓެއިލް ސްޓޯގެ ގޮތުގައި މާކެޓު ކުރަމުންދެއެވެ.

ހަށިވިއްކުން އިޝްތިހާރުކޮށް އެކަން ޕްރޮމޯޓުކުރާ އެތައް ޓެލެގްރާމް ޗެނަލްތަކެއް އަދިވެސް ފާޅުކަން ބޮޑު ގޮތެއްގައި އެބަ ހިންގައެވެ. އެގޮތުން "ގުޑި އެމްވީ" ކިޔާ ޗެނަލެއްގައި ވެސް ރަލާއި ޑްރަގް އަދި ހަށިވިއްކުމާ ގުޅޭ އިސްތިހާރުތައް ޖަހައި އެ ވިޔަފާރިއަށް ދަނީ މަގުފަހި ކުރަމުންނެވެ.

މީގެ އިތުރުންވެސް ފޭކް ތައުލީމީ ސެޓުފިކެޓާއި ޖިންސީ އެދުން ފުއްދުމަށް ބޭނުންކުރާ އާލާތްތަށް ވިއްކާ ޓެލެގްރާމް ޗެނަލްވެސް އެބަހިންގައެވެ. އެ ނޫނަސް، ގާނޫނީ އިމުގެ ބޭރުން ކުރާ އެތައް ކަމެއް އެފަދަ ޗެނަލްތަކުގައި އިސްތިހާރު ކުރެއެވެ. މިކަމުގައި އެތައް ބަޔަކު ޝާމިލްވާ ކަމުގެ ތުހުމަތުވެސް އޮވެއެވެ.

ޓެލެގްރާމްގައި ޑްރަގާއި ހަށިވިއްކާ ބޮޑު ގްރޫޕެއް އަތުލައިގެންފި

މީގެ ދެ މަހެއްހާ ދުވަސް ކުރިން ފުލުހުން ވަނީ ޖަޒީރާގެ ނަމުގައި ހިންގި ޓެލެގްރާމް ޗެނަލްތަކާ ގުޅިގެން ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރު ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައާ ގުޅިގެން ހަތަރު ތަނެއް ބަލައިފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި ފަހުން ހަށިވިއްކަން މަގުފަހިކުރަން ޓެކްސީ ދުއްވި ޑްރައިވަރުވެސް ހައްޔަރުކުރިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފަިއވާ މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު އެ މީހުން ކުރާ މަސައްކަތާއި ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން އެކަމާ ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.

"މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިން އާއި ޑްރަގް ޓްރެފިކުން އާއި ހަށިވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވޭ." އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މާލޭގައި ހިންގާ ގިނަ ސެލޫންތަކާއި ސްޕާތަކުގައި ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން، މިހާރުވެސް 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ ތަންތަނާއި ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ބޭރުން ގެންނަ އަންހެން މަސައްކަތްތެރިންނާއި ޓޫރިސްޓު ވިސާގައި މީހުން އެތެރެކޮށްގެން ކަމަށެވެ. މިގޮތަށް ހަށިވިއްކާ ފަރާތްތައް ވަގުތުން ޑީޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސެލޫނާއި ސްޕާތަކުގައި މަސާޖުކުރުމުގެ ނަމުގައި ހަށިވިއްކާ މައްސަލަ މީގެކުރިންވެސް ވަނީ ފެންމަތިވެފައެވެ. އަދި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މިފަދަ ކުށްތައް ކުރާ މީހުން މީގެކުރިންވެސް ވަނީ އަތުލައިގެންފައެވެ.