ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުން އައި ޓެލެގްރާމް ޗެނަލް "އެމްވީ ކޯލް ގާލްސް" ހުއްޓުވައި ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގަމުން އައި ޓެލެގްރާމް ޗެނެލެއް ފުލުހުން އަތުލައިގަނެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ޗެނަލަކީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުންދިޔަ ޗެނަލެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެ ޓެލެގްރާމް ޗެނަލަކީ ހަށިވިއްކުމަށް ހާއްސަ ޗެނަލެކެވެ. އެހެންނަމަވެސް، އެ ނޫން ކުށްތައް ކުރުމަށް ވެސް އެ ޗެނަލުން މަގުފަހި ކުރެއެވެ. އެ މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ފުލުހުން ވަނީ ޖަޒީރާގެ ނަމުގައި ހިންގި ޓެލެގްރާމް ޗެނަލްތަކާ ގުޅިގެން ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރު ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައާ ގުޅިގެން ހަތަރު ތަނެއް ބަލައިފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި ފަހުން ހަށިވިއްކަން މަގުފަހިކުރަން ޓެކްސީ ދުއްވި ޑްރައިވަރުވެސް ހައްޔަރުކުރިއެވެ.

ޓެލެގްރާމް މެދުވެރިކޮށް ޑްރަގާއި ރަލާއި ހަށިވިއްކުމުގެ ވިޔަފާރި އަދި ފޭކް ސެޓުފިކެޓު ހެދުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި އަދިވެސް ދަނީ ކުރަމުންނެވެ.

ވަގުތު"އަށް އެނގިފައިވާ ގޮތުގައި، ރާ ވިއްކައި ވިޔަފާރިކޮށް އެތަކެތި ގެއާ ހަމަޔަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްދޭ ޓެލެގުރާމް ގުރޫޕެއްވެސް ހިންގަމުންދެއެވެ. "ލިކާ ސްޓޯ އެމްވީ"ގެ ނަމުގައި ހިންގާ އެ ޗެނަލުން ކޮށްފައިވާ އިސްތިހާރުގައި ވަނީ "ރައްކާތެރިކަމާއެކު ރާފުޅި ފިހާރައިން ގެއަށް ޑެލިވާކޮށްދޭނެ" ކަމަށެވެ. އަދި އެއީ ރަލުގެ އެއްވަނަ ރީޓެއިލް ސްޓޯގެ ގޮތުގައި މާކެޓު ކުރަމުންދެއެވެ.

ހަށިވިއްކުން އިޝްތިހާރުކޮށް އެކަން ޕްރޮމޯޓުކުރާ އެތައް ޓެލެގްރާމް ޗެނަލްތަކެއް އަދިވެސް ފާޅުކަން ބޮޑު ގޮތެއްގައި އެބަ ހިންގައެވެ. އެގޮތުން "ގުޑި އެމްވީ" ކިޔާ ޗެނަލެއްގައި ވެސް ރަލާއި ޑްރަގް އަދި ހަށިވިއްކުމާ ގުޅޭ އިސްތިހާރުތައް ޖަހައި އެ ވިޔަފާރިއަށް ދަނީ މަގުފަހި ކުރަމުންނެވެ.

ޓެލެގްރާމް މެދުވެރިކޮށް ރާ ޑެލިވާ ކުރުމާއި، ހަށިވިއްކުމާއި، ފޭކް ސެޓުފިކެޓު ހެދުން އިންތިހާއަށް!

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަނޭ

    ތިޔަފަދަކަންތައް މިޤައުމުގަ ކުރާފަރާތްތައް ހިފައި ހައްޔަރުކޮއް ދީނުގަވާއެންމެ ހަރުކަށި އަދަބުދިނުމައް ގޮވާލަން

  2. އޯޑިމޯ

    މާލޭގަ ސްޕާގެ ނަމުގަ ހިންގާ ނާސިގެތަށް ބަންދުކުރަން ނުކެރިގެން އުޅެނީ ކީއްވެޔޯ