ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ކުރިން ދިވެހި ސަރުކާރު ތަރުތީބު ކުރެއްވި އިރުގައި މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނަމުގައި ކުރީގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް ރީ-ބުރޭންޑްކޮށް އަލުން އައު މެންޑޭޓަކާއި އެކު ފެއްޓުމުގެ ވަރަށް މުހިންމު މަގުސަދު ތަކެއް އޮތް ކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ މިއަދު އެ މިނިސްޓުރީއާއި ހިންމަފުށީ ކައުންސިލާއި ގުޅިގެން ކ. ހިންމަފުށީގައި މިއަދު ފަށައި މުޅި ރާއްޖޭގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ "އޮޕަރޭޝަން ކުރަނގި" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ފަހުއެވެ.

މިކަމާއި ގުޅިގެން ސުވާލުކުރުމުން އިހުސާން "ވަގުތު"އަށް ވިދާޅުވީ މިނިސްޓްރީ ރީބްރޭންޑް ކުރުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި އެތައް އަހަރު ތަކެއް ވަންދެން ހައްލު ނުކުރެވި އޮތް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމާއި، ގޭންގު ކުށްތަކާއި ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ އިތުރުން ކުށްތަކަށް އަރައިގަންނަ ކުޑަ ކުދިންނާއި އަދި ކުށުގެ މާހައުލުގައި އުޅޭ ކުޑަ ކުދިންގެ މައްސަލައަށް ހައްލެއް ހޯދުމަކީ އެ މުހިންމު ނިންމުމުގެ އެއް މަގުސަދު ކަމަށް ވިދާޅުވިއެވެ.

"މިކަން ކަމަށް ދާއިމީ ހައްލެއް ގެނެވޭނީ މި ކަމާއި ގުޅުން ހުރި ހުރިހާ އިދާރާތަކެއް އެއްވުޒާރާއެއްގެ ދަށުން މަސައްކަތް ކޮއްގެން ކަމަށް ރަައީސްއަށް ގަބޫލު ކުރެވޭ ހާލުގައި މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނަމުގައި އެ މިނިސްޓްރީ ތަރުތީބު ކުރެއްވި އިރުގައި ބޭރު މީހުންގެ ކޯޓާ ދިނުމާއި، ވޯކު ޕާމިޓު ދިނުމުގެ މަސައްކަތް ބަދަލު ކުރެވި މި އެޖެންސީގެ ދަށުގައި އޮތް މޯލްޑިވްސް ޕްލިސް ސާވިސް ހަމަ އެގޮތަށް އޮންނާނެ ގޮތަށް ނިންމަވާ. އޭގެ އިތުރުން މިނިސްޓުރީ އޮފް ޑިފެންސްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރަމުން އައި މޯލްޑިވްސް އިމިގްރޭޝަންސްވެސް ހޯމްލޭނޑް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެނެވުނީ އެއްފުރާލެއްގެ ދަށުގައި މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރުމަށްޓަކައި،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ދާހިލީ ވުޒާރާގެ "އޮޕަރޭޝަން ކުރަނގި" ހަރަކާތުގެ އަމަލީ މަސައްކަތް ފެށުން--ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

ރާއްޖޭގައި އެއްވެސް ސަރުކާރަކުން އަޅާ ނުލާ އޮތް މަސްތުވާތަކެތީގެ މައްސަލައަކީ މިއަދުވެސް ރާއްޖޭގައި އޮތް އެެންމެ ބޮޑު އެއް މައްސަލައެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ ކަމަށް މީގެ ކުރީގެ ސަރުކާރުތަކުން ބުނި ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަން ވަނީ ހައްލުނުވެފައެވެ. މަސްތުވާތަކެއްޗަށް ފަރުވާ ނުލިބި އެތައްބަޔަކު މުޖުތަމައުގައި ބާކީ ވެފައި އަދި ޖަލުތަކުގައިވެސް ޒުވާނުން އެބަތިއްބެވެ.

ކުށްތަކަށް އަރައިގަންނަ ކުޑަ ކުދިންގެ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިކަމަށް ހައްލު ގެނެވެނީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ކުޑަކުދިން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 12 އަށް ބަދަލު ކުރަން ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް އިހުސާން ކުރިން ވަނީ ވިދާޅުވެފައެވެ.

ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" މިއަދު ފަށައިފި

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ރީބްރޭންޑާ، ބްރޭންޑާ އޮފްދާރު ނުކުރާތީނޫން ހައްލުނުވަނީ. ތީ ކޮންމެ ސަރުކާރެއް ވެރިކަމަށް އަންނައިރަށް އަލަށް މަގާމާ ހަވާލުވާ މިނިސްރު ނޫނީ ކޮންޓްރޯލަރު ނޫސްވރިން އެއްކޮށް ބޮޑުގޮނޑީގައި ދެއަތް ފުޅާކޮށްފައި އިނދެ ބުނާ ވާހަކައެއް. ހަމަ ދަނީ ޗޮކުން. އެެހެންތާ ވާނީ ކޯޓާދޫކުރުންފަދަ ލާރިއޮހޭ ތެޔޮވަޅެއް ލިބުނީމާ ކާކު ލާރިފެނިފައި ހޮޑުލަވާނީ؟

  2. ފާޖިހު

    ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ އެތައްހާސް ބިދޭސީންގެ މަސްއަލައާއި މިޤައުމުގެ ހުރިހާ ރަށެއްގެ ޢާންމު މަގުތަކުގައި ފާޅުގައި ބޭނުން ކުރަމުންދާ މަސްތުވާތަކެތީގެ މަސްއަލައަކީ އިސްލާމް ދީނާއި މިޤައުމުގެ މިނިވަންކަން ދެމެހެއްޓުމާއި ގުޅިފައިވާ އެންމެ ބޮޑު ދެމަސްއަލަ ކަމަށްވާތީ؛ މިފަދަ ބޮޑު މަސްއަލަތައް ޙައްލު ކުރުމަށްޓަކައި ސަރުކާރުގެ ބާރާއި ޤާނޫނު ހެދުމުގެ ފުރިހަމަ ބާރު ރައްޔިތުން މިވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދީފައި. ހުރިހާ އާރަކާއި ބާރެއް މިސަރުކާރަށް ދީފައި މިވަނީ؛ ފަނާކުރަނިވި ދިމާލަށް މިޤައުމު ދަތުރު ކުރަމުންދާ މިސްރާބު ބަދަލުކޮށް މިފަދަ ބޮޑު މަސްއަލަތަކަށް ޙައްލު ގެނައުމަށްޓަކައި. ވީމާ ސީރިއަސް ކަމާއެކު މިދެ މަސްއަލައަށް ރައްޔިތުންނަށް އެނގުންވާނެ ރައްޔިތުން ހިތްހަމަ ޖެހޭނެފަދަ ޙައްލެއް ގެނެސް ދެއްވާނެ ކަމަށް އުއްމީދު ކުރަން. މިކަމުގެ ކޮޅުމަތި މިވެރި ކަމުގެ ކުރީކޮޅު ފެންނަން ފަށައިފި ހެން ހީވާން ފަށައިފި.
    މިހާރު ހުންނެވި ޒުވާން ހޯމް މިނިސްޓަރ ސީރިއަސް ކަމާއެކު މިކަން ކުރައްވާނެ ކަމުގެ އުފާވެރިކަން ހިތަށް ވެރިވާން ފަށައިފި.