އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޒުވާން ޚަތީބުން ޕްރޮގުރާމުގައި ބައިވެރިވެގެން 100 އެއްހާ ހަތީބުން ފަސް މަސް ތެރޭގައި މަސައްކަތަށް ނެރުވުނު ބުނެފިއެެވެ.

އެ ވުޒާރާއިން އިސްނަގައިގެން ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލައި، ބައިވެރިވި ޚަތީބުންނަށް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ.

ޒުވާން ޚަތީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ކުދިންނާ ވަނީ އިންޓަވިއުކޮށްފައެވެ. މި ޕްރޮގްރާމަކީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކޮށްފައިވާ ޕްރޮގްރާމެކެވެ.

އެ ވުޒާރާއިން އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމަށް މި ސަރުކާރުގެ ފުރަތަމަ ފަސް މަސް ދުވަސް ތެރޭގައި މަސައްކަތްތަކެއް ކޮށްފައިވާއިރު، އެގޮތުން މިހާތަނަށް 40 އިމާމުން ތަމްރީން ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވިއެެވެ. އަދި 100 އިމާމުންނަށް އައު މަންހަޖުގެ ތެރެއިން ރާއްޖޭގައި ތަމްރީން ކޮށްފައި ވެއެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ޒުވާން ހަތީބުން ދަނީ އިމާމްވެ ހުކުރު ކުރަމުންނެވެ.