މާލޭގައި 2017 ވަނަ އަހަރު ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ހެކިބަސް ދޭން ތިބި ބައެއް މީހުން ފަހުން ބަޔާން ބަދަލުކުރުމުުން، ދައުވާކުރި މީހަކަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެއެވެ.

ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައިވަނީ ސ. ހިތަދޫ ގުލްބަކާގެ، މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށެވެ.

ނާޝިޒަށް ދައުވާ ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ރޭ 23:00 ހާއިރު މާފަންނު ޝާއިރުވާދީމަގުގައި ހުންނަ ކަޅިރަވަ ފިހާރަ ކައިރިން ސ. ހިތަދޫ، އުތުރުގެ މުހައްމަދު ޝިޔަމު އިތުރުބަޔަކާއެކު ސައިކަލުގައި ދަނިކޮށް ވަޅި އަކުން އޭނާއަށް ހަމަލާދިން މައްސަލައިގައެވެ.

ނާޝިޒް އާއި އިތުރު ބަޔަކު ގުރޫޕު ހަދާލައިގެން ޝިޔަމުގެ ފަހަތުން ގޮސް އޭނާގެ އަތުގައި އޮތް ވަޅިއަކުން ޝިޔަމުގެ ކޮނޑަށް ހަމަލާދީފައިވާކަން ސާބިތު ކުރުމަށް ދައުލަތުން ސިއްރު ހެކި ހިމެނޭހެން، ހެކިތަކެއް ވަނީ ހުށަހަޅާފައެވެ. އެކަމަކު ދައުވާއަށް އިންކާރުކޮށް ނާޝިޒް ވަނީ އެރޭ އޭނާ ހާދިސާ ހިނގިތާ ނެތް ކަމަށް ބުނެ ހެކި ހުށަހަޅާފައެވެ.

ނާޝިޒް ހާދިސާ ހިނގި ތަނުގައި ނެތް ކަމަށް ބުނެ ހެކިތައް ހުށަހަޅާފައިވަނީ ޝަރިއަތުގެ މަރުހަލާ ފަށައި އިފްތިތާހީ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައެވެ. އެ ހެކި ހުށަހަޅާފައިވަނީ ޝަރީއަތް ފެށުނު ފަހުން ކަމަށްވާތީ އެ ހެކި ބަލައި ނުގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ.

އެކަމަކު، ހުކުމުގައި ފާހަގަކޮށްފައި ވަނީ ދައުލަތުން ނާޝިޒްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ސިއްރު ހެކިތައް ދިން ބައެއް މީހުން ފަހުން ބަޔާން ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ސިއްރު ހެކިވެރިޔަކު ބަޔާން ދިނީ ދައުލަތުން ނުފޫޒު ފޯރުވައިގެން ކަމަށް ބުނާ ކަމަށާއި އަދި އެނާ ދެއްކި ވާހަކަތަށް ދޮގުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެހެން ހެކިވެރިޔަކު ހެކިބަހުގައި ކުރިން ދެއްކި ގޮތާ ހިލާފަށް ބޮޑެތި ފުށޫއެރުންތަކެއް ހުރުމުން ކޯޓުން ނިންމީ އެ ހެކިބަހަށް ބުރަދަން ނުދޭށެވެ. ހަމަލާގެ ޝިކާރައަަކްވި ޝިޔަމް ވެސް ފަހުން ވަނީ އޭނާއަށް ހަމަލާ ދިނީ ނާޝިޒް ނޫން ކަމަށް ކޯޓުގައި ބުނެފައެވެ.

ހަމަލާ ދިނީ ނާޝިޒް ކަމަށް ބުނަނީ އެންމެ ހެކިވެރިޔަކަށް ވާއިރު، އެންމެ ހެކިވެރިއެއްގެ ހެކިބަހުން ދައުވާ ސާބިތުނުވާ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގައި ފޮޓޯއަކުން ފެންނަނީ ނާޝިޒު ކަމަށް ޝައްކުވާ ކަމަށް އެ ހެކިވެރިޔާ ބުނެފައިވާއިރު އެއީ މިފަދަ މައްސަލައެއް ސާބިތުކުރުމަށް އެކަށިގެންވާ ހެއްކެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައި ވަނީ އެ އަމަލު ހިންގާފައިވަނީ ނާޝިޒު ކަން ސާބިތުކޮށްދޭ ވަރުގެ ދަލީލެއް ނެތް ކަމަށެވެ. ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ އަމަލު ހިންގާފައިވަނީ އޭނާކަން ސާބިތުނުވާ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.