ބ. ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހަށް ކުއްޔަށް ދީފިއެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ ބ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފިނޮޅުތައް 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެ ފިނޮޅަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބު ކުރި ފަރާތަށް، މެއި 1 ވަނަ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައިވާ ކަމަށެވެ.

މި ފިނޮޅު ކުއްޔަށް ހިފާފައިވަނީ މުހްދިން އާމިރު، މއ. ފްރީޕާކް / މާލެ އެވެ. އެ ފިނޮޅަށް އެރުމާއި ބޭނުންކުރަންވާނީ، އެފަރާތުގެ ހުއްދަ ހޯދުމަށްފަހު ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ދިގުމުއްދަތަށް ފިނޮޅު ކުއްޔަށް ދިނުމަށް ނިންމީ ދިގުމުއްދަތަށް ކުއްޔަށް ދީގެން ކައުންސިލްގެ މާލީ ހާލަތު ރަނގަޅުކުރެވޭނެ ކަމަށް ފެންނާތީ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ބ. އަތޮޅުގެ ހަތަރު ފިނޮޅެއް ވަގުތީގޮތުން ބެލެހެއްޓުމަށް ތިން ފަރާތަކާ 2022 ވަނަ އަހަރު ވެސް ހަވާލުކުރިއެވެ. އޭރު ވަގުތީގޮތުން ބެލެހެއްޓުމަށް ހަވާލުކުރި ފިނޮޅުތަކަކީ ގިރާވަރު ދެ ފިނޮޅާއި ވިލިގިލިފަރު ފިނޮޅު އަދި ނުރައުފުރިފަރު ފިނޮޅެވެ. ކައުންސިލުން ބުނިގޮތުގައި އެއް އަހަރު ދުވަހުގެ ނިޔަލަށް އެ ފިނޮޅުތައް ބެލެހެއްޓުމަށް ހަވާލުކުރީ ލަނޑާގިރާވަރު ޕްރައިވެޓް ލިމިޓެޑަށާއި ތިލަދޫ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އަދި އެމްޕަޔަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

ގިރާވަރު ދެ ފިނޮޅު ބެލެހެއްޓުމަށް ލަނޑާގިރާވަރު ރިސޯޓާ ހަވާލުކުރީ 1.8 މިލިއަން ރުފިޔާއަށެވެ. ވިލިގިލިފަރު ފިނޮޅު 360،000 އަށް އެމްޕަޔަރ އިންވެސްޓްމަންޓާ ހަވާޅުކުރިއިރު ނުރައުފުރިފަރު ތިލަދޫ ރިސޯޓްސްއާ ހަވާލުކުރީ 127،492.56 ރުފިޔާ އަށެވެ. މި 4 ފިނޮޅު ކުއްޔަށް ދީގެން މީގެ ކުރިން އަހަރަކު 2.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.

ބ.އަތޮޅަކީ ގުދުރަތީ ރީތިކަން ވިއްކައިގެން މިހާރުވެސް ނަފާ ނެރެމުންދާ އަތޮޅަކެވެ. އަދި ބ.އަތޮޅަކީ ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއަރ ރިޒާވްވެސްމެއެވެ.