މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ)ގެ ލޯގޯ ތައާރަފްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ލޯގޯ ތަޢާރަފްކުރުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

އެ އޮތޯރިޓީ ގެ ޗެއާޕާސަންގެ މަގާމަށް ދާދި ފަހުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ އައްޔަން ކުރައްވާފައެވެ.

އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފްކުރުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ. ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް ވެސް މިދިޔަ މަހުގައި ވަނީ އުފައްދާފައެވެ.

މި އަހަރުތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް އެޅުމަށްފަހު ޚިދުމަތް ފަށާނެ ކަމަށް މިނިސްޓަރު ސައީދު ވަނީ މީގެ ދެ މަސް ކުރިން ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ބޭންކް ވުޖޫދަށް ގެންނަން ބޭނުންވާ ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތްތެވެ. މި ބޭންކުން ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މީގެ ސަބަބުން މަޝްރޫއުތައް ހިންގަން ބޭނުންވާ ފަންޑް ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބޭނެ ކަމަށެވެ.

އެ އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޑިވޮލަޕްމެންޓް ބޭންކު ، ކޮމާޝަލް ބޭންކު، އިސްލާމިކް ބޭންކު މިބޭންކު ތަކުގެ ތަފާތަކީ ކޮބައިބާ !