މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ފަރާތުން ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ ކޮންޓްރެކްޓެއްގައި ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް ފަޅުން މިހާ ގިނަ އަދަދެއްގެ ރަށްތައް ހިއްކަން ހަވާލު ކުރި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްޤީ ކުރުމަށް ޖުމްލަ 16 ރަށް ހިއްކިގެން ދާނެއެވެ.

ޖުމްލަ 106.91 ހެކްޓަރު (1،069،100 ސްކޮޔަރ މީޓަރު) ގެ ބިން ހިއްކިގެންދާ މި ބިޔަ މަޝްރޫޢުއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫއުކަންވެސް ފާހަގަކޮށްލެވެއެވެ.

މި އެއްބަސްވުމުގެ ދަށުން ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36،503،863.92 އެމެރިކާ ޑޮލަރު ޚަރަދު ވާނެ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުންޏެވެ. އަދި މީގެތެރިން، ހިއްކުމުގެ މަސައްކަތަށް 3،747،792 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޑޮލަރު ޚަރަދުވާނެކަމަށް ބެލެވެއެވެ.

މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫޢުތަކަށް ދާ ޚަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން ކަމަށް ވުމާއި، އަދި އެޑްވާސްންސް ޕޭމަންޓްގެ ގޮތުގައި އެމް.އެފް.އެމް.ސީ އިން އެއްވެސް ފައިސާއެއްދައްކަން ނުޖެހުމާ އެކު، މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި، މި މަސައްކަތަށް ދާ ޚަރަދު އެމް.އެފް.އެމް.ސީ އިން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން ކަމަށެވެ.

ގާފަރު ފަޅަކީ ސަރުކާރުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީ ކުރުމަށް އެމްއެފްއެމްސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަރ ޕްލޭން ނިމިފައި ވާ އިރު، މި މަޝްރޫއުއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކިގެންދާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފުރަތަމަ މަޝްރޫއުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކައިފި

    ދިވެހި ކުންފުނީގެ ގާބިލުކަން ހުރިތޯ ބެލީ ކޮން މިންގަނޑަކުން ތޯ

    11
    • ސާ

      އެއީ ނާޖާއިޒު ފައިދާ ދިނުމުގެ މިންގަނޑުން.

    • ކޮއްކޮ

      ފުރަތަމަ ހަސަދަވެރި ނުވާން ދަސްކުރޭ.

  2. ދޯނި

    ވައްކަން ކުރުން މެކުހައް ޖަހަން ފުރުސަތު ނުދޭނެ ...މުއިއްޒު

    13
    3
  3. ށުވޭސ

    ވޭތުވެ ދިޔަ 5 އަހަރު ޕްރޮޖެކްޓް ހަވާލް ކުރީ އެސަރުކާރާ ގުޅުން ހުރި ކު ންފުނިތަކާ ޢެކުންފުނިތައް އުފައްދާފައިހުރީ އެފަސް އަހަރުތެރޭ އިކޮނޮމިކް މިނިސްޓްރީގެ ސައިޓުން އެކަން ވަރަށް ރަގަޅަށް އެގޭ، މި ފަސް އަހަރު ހަވާލްކުރާ ޕްރޮޖެކްޓް ތައްވެސް ހަވާލް ކުރާނީ މިސަރުކާރުގެ ކުންފުނިތަކާ އަޅުގަޑުމެންބާކީ ވައްކަން ނުކުރާނެ އެއްވެސް ގޮތެއްނެތް