މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އާ އިމާރާތް ހުޅުމާލޭގައި އަޅަން ސަރުކާރުން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މަޤާމަށް ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ޝަކުވާ އަކީ އެ އިމާރާތް ބާ ވުމުގެ ޝަކުވާ ކަމަށެވެ. އަދި އެ އިމާރާތް ބާ ވެ، ހަލާކުވަމުންދާ ވީޑިއޯތައް ވެސް ލިބިވަޑައިގެންނެވި ކަމަށެވެ.

މޯލްޑިވްސް ބްލަޑް ބޭންކް ސަރވިސަސް އިމާރާތް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި ހުޅުމާލެ ފޭސް އެކަކުން ޖާގަ ހަމަޖެހި، އެ ތަނުގައި އިމާރާތް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އިމާރާތުގެ ޑިޒައިން ނިމި، ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލޭ އަޅާ ކުދިން ބޭނުންވާ ގޮތަށް އިމާރާތްކޮށް އެތަނުން ހިދުމަތް ފޯރުކޮށްދޭން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

"މޯލްޑިވްސް ބްލަޑް ބޭންކް ސަރވިސަސް އިމާރާތް ބަދަލު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން، މެޑަމް ސާޖިދާ އަމިއްލަފުޅަށް އިރުޝާދުތައް ދެއްވި، އެކަމަނާއަށް ޚާއްސަ ޝުކުރެއް އަރިސް ކުރަން، މިހާރު ވަނީ ހުޅުމާލެ ފޭސް އެކަކުން ޖާގަ ހަމަޖެހިފައިވަނީ. އެ ކުދިން ބޭނުންވާ ގޮތަށް އިމާރާތްކޮށް ހިދުމަތްތައް ފޯރުކޮށްދޭނަން އަޅުގަނޑުމެން، ޑިޒައިންކޮށް ނިމި ފައިނޭންސް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް" މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި ހުންނަ ތެލަސީމިއަ ސެންޓަރަކީ ގިނަދުވަސްވެފައިވާ ތަނެއްގެ އިތުރަށް ލޭ އަޅާ ކުދިން ގިނަވުމާއެކު ޖާގައިގެ ގޮތުންވެސް މިހާރު ދަތި ތަނެކެވެ. އެ އިމާރާތުގައި ލޭ އެޅުމުގެ ޚިދުމަތާއެކު މޯލްޑިވިއަން ބްލަޑް ބޭންކު ޤާއިމްކޮށް، އެތަނުގެ ޚިދުމަތްވެސް ދެނީ ހަމަ އެއް އިމާރާތުގައެވެ.

ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ އެންމެނަށް ހަމަހަމަ އަދި ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ތެލެސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ލޭގެ ބައްޔެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސްއިން މިދިޔަ އަހަރު އާންމުކުރި އަހަރީ ރިޕޯޓުގައި ބުނާ ގޮތުން، އެ ރިޕޯޓު އެކުލަވާލުމާ ހަމައަށް ތެލެސީމިއާ ޕޭޝަންޓުންގެ ގޮތުގައި 941 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބީޓާ ތެލެސީމިއާ މޭޖަ ބާވަތުގެ ކުދިން ކަމަށްވާއިރު، މި ބާވަތުގެ 762 ކުދިން ރަޖިސްޓްރީކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދުސަލީމް

    ތީ އަޅުގަނޑު ވަރަށް އިންތިޒާރު ކުރި ހަބަރެއް. މިހާރު މަށަށްވެސް ލޭ ހަދިޔާކުރަން ފަސޭހަވީ... ޝުކުރިއްޔާ ސަރުކާރު!

  2. Anonymous

    ތެލެސީމިޔާ ހޮސްޕިޓަލް އާއިއެކު ބުލަޑްބޭންކު ވެސް ހުޅުމާލެޔަށް ، ތެލެސީމިޔާ ދުވަހު ސުރުހީއެއް އަޅާލީ ސަރުކާރުން !