އިލެކްޝަންސް ކޮމިޝަންގެ ސާވާ އަށް ކޮންމެ ދުވަހަކު 280،000 (ދެލައްކަ އައްޑިހަ ހާސް) އަށްވުރެ ގިނަ ހަމަލާ އަންނަ ކަމަށް އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބާ ބެހޭގޮތުން އެންމެ ފަހުގެ މައުލޫމާތުތަށް މީޑިއާތަކަށް ހިއްސާ ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ސާވާތަކަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް، ވަކި ފަރުދަކަށްވެސް އަދި ސަރުކާރުގެ މުއައްސަސާއަކަށް ވެސް ވަދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެކޮމިޝަންގެ ސާވާ އަށް އަންނަ ސައިބަރ އެޓޭކްތަކުގެ ތެރެއިން ގިނަ އެޓޭކްތައް އަންނަނީ ރާއްޖެއިން ބޭރުގެ ސާވާތަކުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ ސާވާ ތަކަކަކީ ކޮނޑުގައި ޖަހައިގެން ގެންދެވޭ ވަރަށް ބޮޑު ސާވާ ތަކެއް. އަޅުގަނޑުމެންގެ ސާވާ ތަކަކާއި އެއްވެސް މުއައްސަސާ އަކަށް އަދި އެއްވެސް ޕާޓީއަކާއިވެސް އަދި އާންމު ފަރުދަކާއިވެސް ގުޅުމެއް ނޯންނާނެ. އެންސީއައިޓީއާއި ވެސް އެއްވެސް ގުޅުމެއް ނޯންނާނެ. ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެންގެ ސާވާތަށް ބްރޭކް ކުރުމަށް ދުވާލެއްގެ މަށްޗަށް 280،000 (ދެލައްކަ އައްޑިހަ ހާސް) އަށްވުރެ ގިނަ ސައިބަރ އެޓޭކް އައިސްފައިވޭ. އޭގެ ތެރެއިން ގިނަ އެޓޭކްތަށް އަންނަނީ ރާއްޖޭން ބޭރުގެ އައިޕީތަކުން. އެގޮތުން ސިންގަަޕޫރު އަދި ލަންކާގެ އައިޕީތަށް ވަރަށް ގިނަ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ އިލެކްޝަންސް ކޮމިޝަންގެ ސާވާތަށް ހުރީ ރައްކާތެރިކަމާ އެކު ކަމަށް ވިދާޅުވެފައެވެ.

އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގެ ކުރިން ނުވަތަ އެތާރީހުތަކަށް ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ނިންމާފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި އިންތިހާބާއި ބެހޭ ގޮތުން 129 ޝަކުވާއެއް ހުށައަޅިފައިވާ ކަމަށާއި އޭގެތެރެއިން ނުނިމި ހުރި 17 ޝަކުވާ ނުވަތަ ޖަވާބުދާރީ ނުވެވި ހުރި ޝަކުވާތަކަކީ ގާނޫނީގޮތުން ނިންމަން ޖެހޭ ޝަކުވާތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕުރޮފެސަރ އަމާ އަދުރޭ

    50 ގުނަ 4 ވީމަތޯ 2 ލައްކަވީ. 10 ފަހަރު ސައިޓް ހެކުކުރަން މަސައްކަތް ކުރީމަ ސާރވާ ޑައުންވާކަން ބޭފުޅާއަށް ނޭނގެނީތޯ؟؟