މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރާލި މައްސަލައިގައި ކުޑަކުއްޖެއްގެ މައްޗަށް ކުރި ދައުވާ ޖުވެނައިލް ކޯޓުން ބާތިލުކޮށްފިއެވެ.

މި ދައުވާ ބާތިލުކޮށްފައިވަނީ ދައުވާ ކުރަންޖެހޭ މުއްދަތު ހަމަވި ފަހުން ދައުވާ ކޮށްފައިވާ ކަމަށް ބުނެއެވެ. ދައުވާ ބާތިލުކުރި މައްސަލަ އިސްތިއުނާފް ކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެމީހުންނަކީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

އެމީހުންގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ ހަތަރު މީހުން ވެސް ވަނީ ދައުވާ އަށް އިންކާރު ކޮށްފައެވެ.

ނަދީމަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެމީހެކެވެ. އެ ހަމަލާގައި ނަދީމްގެ ގަޔަށާއި ބޮލަށް ވަޅިހަރާފައިވެއެވެ. ނަދީމް މަރުވެފައިވަނީ އޭނާއަށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް މިދިޔަ އަހަރުގެ ޖުލައި 29 ވަނަ ދުވަހުއެވެ.