ކަތަމަންޑޫ އަށް މިއަދު ވެއްޓުނު ބަންގްލަދޭޝްގެ ފްލައިޓުން ދަތުރުކުރީ ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ދަރިވަރެއްކަން އެނގިއްޖެއެވެ.

އޭނާއަކީ ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަދު ހިނގި ހާދިސާއަށްފަހު އޭނާ އަށް ލިބުނު އަނިޔާތަކާއި ގުޅިގެން މިހާރު ނޭޕާލްގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު 40 އަށް އަރާފައިވާއިރު، 17 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޔޫއެސް-ބަންގްލާގެ މި ބޯޓު ވެއްޓުނުއިރު އޭގައި 67 ފަސެންޖަރުން ތިއްބެވެ.

މި ހާދިސާ ހިނގި ވަގުތުގައި ފްލައިޓުގައި ދިވެއްސަކު އިންކަން ފޮރިން މިނިސްޓްރީންވެސް ކަށަވަރުކޮށްދެއްވާފައި ވާއިރު، އެ މިނިސްޓްރީން ވިދާޅުވީ އަނިޔާވި ދިވެހި މީހާގެ ހާލު ގާތުން ބަލަމުންދާ ކަމަށެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި، ޑާކާއިން ފުރައިގެން ނޭޕާލަށްއަށް ދަތުރުކުރި މި ބޯޓު ވެއްޓުނީ އެއާޕޯޓުގައި ޖައްސަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާ އާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވަނީ މި ހާދިސާ ހިނގާދިޔަ ގޮތް ވަގުތުން ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.

ނޭޕާލުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ސަންޖީވް ގޯތަމް އާއި ހަވާލާދީ ކަތުމަންޑޫޕޯސްޓް ނޫހުން ބުނީ މި ފްލައިޓް ޖައްސަން ހުއްދީފައި އޮތީ އެ އެއާޕޯޓުގެ ދެކުނުފަޅިން ކަމަށާއި ނަމަވެސް ބޯޓު ޖައްސަން މަސައްކަތް ކުރީ އުތުރުފަޅިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްހަމްދުލިލްލާހް އަވަސް ސިފާ އަކަށް އެދެން

  2. ވާންހުރިކަމެއްވާނެ

  3. އަނިޔާލިބުނު ދިވެހި އަހާ އަށް އަވަސް ޝިފާއަކަށް އެދެން އަދި މިހާދިސާގައި އަނިޔާ ލިބުނު އެންމެބަށްވެސް

  4. އަލްހަމްދުލިލްލާހް ދިވެހި އަޚާ އަށް އަވަސް ޝިފާ އަކަށް އެދެން