އެކި މައްސަލަ ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަޚްޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

ދޫނިދޫގައި މިތަކެތި ނައްތާލައިފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެގޮތުގެ ޤަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިއަދު ނައްތާލާފައިވަނީ މި އަހަރު މިހާތަނަށް ފުލުހުންނަށް ހުށަހެޅި، ތަޚްޤީޤު ނިމިފައިވާ 201 މައްސަލައެއްގައި ހިމެނޭ 827 ރަބަރު ޕެކެޓާއި 290 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 9 ދަޅުގެ އިތުރުން ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި 20 ބިޑި އާއި އެހެނިހެން 152 އައިޓަމާއި ބޭހުގެ ގޮތުގައި ހިމެނޭ 387.724 ގްރާމްގެ ބޭހެވެ.

މިއަދު ނައްތާލެވުނު ތަކެތީގެ ތެރޭގައި ޖުމްލަ 99918.0104 ގްރާމްގެ ހެރޮއިން އާއި ޖުމްލަ 4009.4909 ގްރާމްގެ ކެނަބިސް ހިމޭނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ މަސްތުވާތަކެއްޗާއި ބަނގުރާ ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ތަފާތު އެކި ފަހަރުމަތިން ގިނަ ޢަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތީގެ ހިކި ބާވަތްތައް ނައްތާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު